ޚަބަރު

ގަސް އިންދަން ހިތްވަރުދޭން ޖަމިއްޔާތަކަށް އިނާޔަތް ދޭން ފަށަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
"ނޭޝަނަލް ޕޮލިސީ އޮން އެގްރޯފޮރެސްޓްރީ އެންޑް ޓްރީސް އައުޓްސައިޑް ފޮރެސްޓްސް 2026" ގެ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން--

ގަސް އިންދަން ހިތްވަރުދޭން ޖަމިއްޔާތަަކަށް އިނާޔަތް ދޭން ފަށަން އެގްރިކަލްޗާ މިނިސްޓްރީން ނިންމައިފިއެވެ.

Ads by STELCO

އެގްރިކަލްޗާ މިނިސްޓްރީއާއި، ވޯލްޑް އެގްރޯފޮރެސްޓްރީ (އައިސީއާރުއޭއެފް) އަދި އިންޓަރނޭޝަނަލް ސެންޓަ ފޯ ފޮރެސްޓްރީ ރިސާޗް (ސީއައިއެފްއޯއާރު-އައިސީއާރުއޭއެފް) ގުޅިގެން، ރާއްޖޭގެ "ނޭޝަނަލް ޕޮލިސީ އޮން އެގްރޯފޮރެސްޓްރީ އެންޑް ޓްރީސް އައުޓްސައިޑް ފޮރެސްޓްސް 2026" ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް މިއަދު ވަނީ ބާއްވައިފައެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ އެ ޕޮލިސީގެ ބޭނުމަކީ ރާއްޖޭގެ ދަނޑު ބިންތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ގަސްގަހާގެހި އާލާކޮށް، އިގްތިސާދީ އަދި ތިމާވެށީގެ ގޮތުން ފައިދާހުރި ނިޒާމެއް ގާއިމުކުރުމަށް ސިޔާސަތެއް ކަނޑައެޅުން ކަމަށެވެ.

އެ ސިޔާސަތުގެ ދަށުން، ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތްކުރާ ޖަމިއްޔާތައް ބާރުވެރިކޮށް، ގަސް އިންދުމަށް ހިތްވަރުދިނުމުގެ ގޮތުން އިނާޔަތްތައް ތައާރަފްކޮށް ސައިންޓިފިކް ދިރާސާތަކުގެ އެހީގައި ރާއްޖެއާ ގުޅޭ ގަސްގަހާގެހި އާލާކޮށް، އޭގެއިން ނަފާ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރެވޭނެކަމަށް ވެސް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.

އަދި އެ ސިޔާސަތު ތަންފީޒުވުމުން، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރެވި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވޭކަމަށް ވެސް ބުންޏެވެ.