އަންނަ އާދީއްތަ ދުވަހު ގޯއްޗާއި ފްލެޓަށް ހުޅުވާލަނީ
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް"ސިޔާސަތުގެ ދަށުން ހިންގާ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމަށް އަންނަ އާދީއްތަ ދުވަހު ހުޅުވާލާނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރީން ބުނެފިއެވެ.
ސަރުކާރުގެ މި ބޯހިޔާވަހިކަމުގެ ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން"ޕްރޮގްރާމުގެ ދަށުން މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލަން ކުރިން ނިންމިއެވެ. ނަމަވެސް މިއަދު ނެރުނު ބަޔާނެއްގައި މިނިސްޓްރީން ބުނީ ބިމާއި ފްލެޓަށް ގިނަ ބަޔަކު ކުރިމަތިލާނެ ކަމަށް ލަފާކުރެވޭތީއާއި ހަފްތާ ބަންދާ ދިމާކޮށް ހުޅުވުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދަތިތަކެއް ހުރެދާނެތީ، އާދީއްތަ ދުވަހުގެ ހެނދުނު 9:00ގައި "ހިޔާވަހި ޕޯޓަލް"އާންމުކޮށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
"ބޯހިޔާވަހިކަން އެންމެންނަށް"ސިޔާސަތު ސަރުކާރުން ލޯންޗުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު 16ވަނަ ދުވަހުއެވެ. އެ ސްކީމުގެ ދަށުން ފްލެޓާއި ގޯތި ދޭ އުސޫލު ވެސް ސަރުކާރުން ވަނީ އާންމުކޮށްފައެވެ.

