ޚަބަރު

ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރަން ސިޔާސަތެއް އެކުލަވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރަން ސިޔާސަތެއް އެކުލަވާލައިފިއެވެ.

Ads by STELCO

އެ ސިޔާސަތު އެކުލަވާލައިފައިވަނީ އެގްރިކަލްޗާ މިނިސްޓްރީއާއި ވޯލްޑް އެގްރޯފޮރެސްޓްރީ (އައިސީއާރުއޭއެފް) އަދި އިންޓަރނޭޝަނަލް ސެންޓަރ ފޯ ފޮރެސްޓްރީ ރިސާޗް (ސީއައިއެފްއޯއާރު-އައިސީއާރުއޭއެފް) ގުޅިގެންނެވެ.

"ނޭޝަނަލް ޕޮލިސީ އޮން އެގްރޯފޮރެސްޓްރީ އެންޑް ޓްރީސް އައުޓްސައިޑް ފޮރެސްޓްސް 2026"ގެ ނަމުގައި އެކުލަވާލި ސިޔާސަތު މިހާރު ވަނީ އައިސީއާރުއޭއެފްއިން އެގްރިކަލްޗާ މިނިސްޓްރީއާ ހަވާލުވެސްކޮށްފައެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ އެ ސިޔާސަތު ތަންފީޒުވުމުން، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރެވި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވޭ ކަމަށެވެ.

އެ ސިޔާސަތުގައި ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ތިމާވެށީގެ ހާލަތާއި، ފަސްގަނޑުގެ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ދަނޑުވެރިކަމާއި ގަސްގަހާގެހި އާލާކުރުމުގެ މުހިންމުކަން  ބަޔާންކޮށްފައި ވެއެވެ. ހާއްސަކޮށް ކަނޑޫފާތަކާއި، އަތިރިމަތީގެ ގަސްގަހާގެހި ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް އެގްރޯފޮރެސްޓްރީގެ ދައުރު ބަޔާންކުރުމަކީ މި ސިޔާސަތުގެ ބޭނުމެއްކަމަށްވެސް މިނިސްޓްރީން ބުންޏެވެ.