އައްޑޫގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރުކުރަނީ
ސަރުކާރުން އައްޑޫސިޓީގައި ކުރިއަށްގެންދަން ނިންމާފައިވާ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދަނީ ކައުންސިލާއި މަޖިލީސް މެންބަރުން އެއްބާރުލުން ނުދޭތީތޯ ސުވާލުކުރުމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން ހުށަހަޅައިފިއެވެ.
މިނިސްޓަރު މުއްތަލިބާ ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކޮށްދިނުމަށްއެދި ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މިނިވަން މެންބަރު، އަބްދުއްރަޙުމާނެވެ. އޭނާ ހުށަހެޅުއްވާފައިވަނީ މިނިސްޓަރާ 2 ސުވާލެއް ކުރުމަށެވެ. އެއީ؛
- އައްޑޫ މީދޫގައި ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުތަކާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގެން ފައްޓަވާފައިވާ މަޝްރޫއުތަކުގެ އިތުރުން މުޅި އައްޑޫއަށް ވެފައިވާ ވައުދުތަކުގެ ތެރެއިން އެއްވެސް ކަމެއް ނުހިނގަނީ އައްޑޫ ކައުންސިލް ނުވަތަ އައްޑޫއަށް ނިސްބަތްވާ މަޖިލީސް މެންބަރުންގެ އެއްބާރުލުން ލިބިނުލައްވާތީތޯ؟
- މިކަންކަން ފަށައިގަނެވޭނީ ކައުންސިލް އަދި މަޖިލީސް މެންބަރުން ކޮންކަމެއް ކޮށްދެއްވީމަތޯ؟
ސުވާލު ހުށަހަޅުއްވަމުން އައްދުއްރަހްމާން ވިދާޅުވެފައިވަނީ މިއީ އައްޑޫސިޓީގެ ރައްޔިތުން ޖަވާބު ބޭނުންވާ ސުވާލުތަކެއް ކަމަށެވެ. އެ ސުވާލުކުރަނީ ރައްޔިތުން އެދިގެންކަންވެސް ފާހަގަކުރައްވާފައިވެއެވެ.
ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބައެއް ކައުންސިލްތަކުން އެއްބާރުލުން ނުދޭ ކަމަށް ރައީސް މީގެ ކުރިން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

