މާލޭ ސަރަހައްދަށް ހާއްސަ ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.
މި ސްކީމުގެ ދަށުން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް 15،000 ގޯއްޗާއި 7900 ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހައުސިން މިނިސްޓްރީން މިއަދު ގެޒެޓްކުރި އިއުލާނުގައިވާ ގޮތުން، ފެލްޓަށް އެދި މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ 23:59ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާޗްމަހުގެ 4 ވަނަ ދުވަހުގެ 23:59ގެ ނިޔަލަށެވެ. މި އެޕްލިކޭޝަންތައް ހުށަހަޅަން ޖެހެނީ އެކަމަށް ހާއްސަކޮށްފައިވާ 'ހިޔާވަހި ޕޯޓަލް' އަށެވެ.
މީގެ ކުރިން އާންމުކޮށްފައިވާ އުސޫލުގެ ދަށުން، މާލޭ ރަށްވެހިންނަށް 4000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1500 ފްލެޓް އަދި ހާއްސަ އިސްކަމެއްދޭ ކެޓަގަރީތަކަށް 2400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.
ގޯތި ދޫކުމަށް ހަމަޖެހިފައިވަނީ މާލެ ރަށްވެހިންނަށް 10،000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3000 ގޯތި އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯއްޗެވެ. މި ގޯތިތައް ދޫކުރާނީ މިހާރު ހިއްކަމުންދާ ރަސްމާލެ ހިމެނޭހެންނެވެ.

