ރިޕޯޓް

ދަރަނި ރިފައިނޭންސިން ފެށުމުން އިދިކޮޅުން މި ކިޔަނީ ކީކޭ؟

ފާތިމަތު އަފްނާން ، ދެން އޮންލައިން

ސަރުކާރުން މިހާރު ކުރަމުންގެންދާ އެންމެ ބޮޑު މަސައްކަތަކީ ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންދިއުމުގެ ބުރަ މަސައްކަތެވެ. ވާރުތަވަމުން ދިޔަ ބޮޑު ބިޔަ ދަރަނި އަދާކުރުމުގެ އެންމެފަހުގެ މަރުހަލާއެވެ. ރާއްޖޭގެ އިގްތިސޯދު މިވަގުތު އޮތީ ތާރީޚީ ގޮތުން ބަލާއިރު ދަރަނި އެންމެ ބޮޑުވެފައިވާ އެއް މަރުޙަލާގައެވެ. މި އަހަރަކީ ރާއްޖެއިން ބޭރުގެ ދަރަނީގެ ބޮޑު ބައެއް ދައްކަންޖެހޭ އަހަރަކަށް ވާތީ، މިއީ އިޤްތިޞާދީ ގޮތުން ނާޒުކު ވަގުތެކެވެ. މިހާތަނަށް އަންނައިރު، ދައުލަތުގެ ޖުމްލަ ދަރަނި މިހާރު ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން %110އަށް ވުރެ މަތީގައެވެ. މިީއީ ވާރުތަވަމުން އައި ހާލަތެވެ. މި ހާލުން އަރައިގަންނަން މި އަހަރުގެ އެޕްރީލުން ފެށިގެން 600 މިލިއަން ޑޮލަރުގެ ދަރަނި އަދާކުރަން ޖެހެއެވެ. މި ދަރަނި ދައްކަން 300 މިލިއަން ޑޮލަރު ރިފައިނޭންސްކުރުމުގެ ކަރުދާސްތައް ސަރުކާރުން ވަނީ މޭޒުމައްޗަށް ގެންގޮސްފައެވެ.

Ads by STELCO

ފިނޭންސުގެ ވެރިއަކު ވިދާޅުވި ގޮތުގައި އިންވެސްޓަރުންގެ މި ވަގުތު އިތުބާރު ހުރި ގޮތަށް ބަލާއިރު މިކަން ކާމިޔާބުވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މިކަން ފެށުމާ އެކު އިދިކޮޅު އެމްޑީޕީގެ އިސްވެރިން ވަނީ މިކަމަށް ހުރަސް އަޅަން ސިސްޓަމެޓިކަލީ ކެމްޕޭނެއް ފަށައިފައެވެ. މިކަމުގެ ސުރުހީތައް މީގެ ހަފުތާއެއްގެ ކުރިން އެޅުމަށް ފަހު މިކަމުގެ ބަޑި ފަޅައިގެން ދިޔައީ ރޭގެދަންވަރުގެ ވަގުތެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ފައިސަލް އިނގިރޭސި ބަހުން އެކްސްގައި ދޫކޮށްލި ދިގު ލިޔުންކޮޅަކުންނެވެ.

ފައްޔާޒު ވިދާޅުވެއެވެ. މިހާރު އޮތް ދަރަނީގެ ކްރައިސިސް މެނޭޖްނުކުރެވި އިތުރަށް ގޯސްވަމުންދާ ދިއުން މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ސަބަބަކީ މި ސަރުކާރާ ހަވާލުވި އިރު އިޤްތިޞާދު އޮތީ އިއާދަވަމުން، އާމްދަނީ އިތުރުވަމުން، އަދި ފަތުރުވެރިކަން ކުރިއަރަމުން އައި ހާލަތެއްގައެވެ. އެއީ ދަރަނި ކުޑަކުރަންވީ ވަގުތެވެ. އެ ދައުރުގައި ދުނިޔެއަށް ދިމާވި ހީވެސް ނުކުރާ ފަދަ ނުރައްކާތެރި ބޮޑު ކްރައިސިސްއެއްގެ ހަމަލާ ރާއްޖެއަށް އަމާޒުވިއެވެ. ފަތުރުވެރިކަން ހުއްޓި، ދައުލަތުގެ އާމްދަނީ އެއްކޮށް ހުސްވިއެވެ. އެމްޑީޕީ ސަރުކާރަށް ޖެހުނީ ކޮވިޑްގެ ދުވަސްވަރު ދައުލަތުގެ އާމްދަނީއަށް ލިބުނު 25 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުން ފޫބެއްދުމަށް ޓަކައި ދަރަންޏަށް ފައިސާ ނަގާށެވެ.

ފައްޔާޒު ސިފަކުރެއްވި ގޮތުގައި އެމްޑީޕީއިން ބޭރުގެ އިންވެސްޓަރުންނަށް އިތުބާރު ހުރި ފިސްކަލް ކޮންސޮލިޑޭޝަން ސްޓްރެޓެޖީތަކާއި އިޤްތިސާދީ ދިރުން ގެނެސް ދިނެވެ. އޭގެ ފަހުން ފައްޔާޒު ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް އޭޕްރިލް މަހު، 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކެއް ދައްކަން ޖެހެއެވެ. މިއީ ސީރިއަސް ކޮންމެ ސަރުކާރަކުން މާކުރިން ތައްޔާރުވާންޖެހޭނެ ބޮޑު އިންތިޒާމެކެވެ. ދައުލަތުގެ ދަރަނި ރީފައިނޭންސް ކުރުމަކީ އާންމުކަމެކެވެ. އެއީ ބޮޑެތި ފޭމަންޓްތައް މެނޭޖްކުރުމަށާއި ބޭރުގެ ރިޒާވް ރައްކާތެރިކުރުމަށް ސަރުކާރުތަކުން ބޭނުންކުރާ ބުއްދިވެރި ވަސީލަތެކެވެ. 2021ވަނަ އަހަރު، އެމް.ޑީ.ޕީ ސަރުކާރުން ވަނީ ކުރީގެ ސަރުކާރުން ނަގާފައިވާ ޑޮލަރު ބޮންޑެއް، ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ އިސްލާމިކް ސުކޫކު މެދުވެރިކޮށް ކާމިޔާބުކަމާ އެކު ރީފައިނޭންސް ކޮށްފައެވެ. އެ މުޢާމަލާތުގެ ސަބަބުން ހަމަޖެހުން ލިބި، ރިޒާވް ރައްކާތެރިކުރެވި، އަދި ދުނިޔެއަށް ދިމާވި ބޮޑު ކްރައިސިސްއަށް ފަހު އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުނެވެ.

"މި ސަރުކާރު ވެރިކަމަށް އައީ ކޮވިޑް ދުވަސްވަރުގެ ދަރަންޏަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް، ވެރިކަމަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް، ފިސްކަލް ރިފޯމެއް ނުވަތަ އޭޕްރިލް މަހު ދައްކަންޖެހޭ ސުކޫކާ މެދު އިތުބާރު ހުރި ޕްލޭނެއް ދެއްކިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފެންނަނީ ހަނުހިމޭންކަމެވެ. ސަރުކާރުގެ ޕްލޭނެއް އެބައޮތްތޯއެވެ؟ ނޫނީ އެކަމާ ކަންބޮޑުވަނީތޯއެވެ؟ ނުވަތަ އެކަމާ އަޅާނުލާ ވަރަށް ޔަގީންކަން އޮތީތޯއެވެ؟،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވެފައިވަނީ އޭޕްރިލް މަސް ކަނޑައްތުކުރުމަށް ޓަކައި ބައިނަލްއަޤްވާމީ ރިޒާވްއާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) މާބޮޑަށް ހުސްކޮށްލަން ޖެހުމަކީ، ގައުމުގައި ބޭރު ފައިސާ ނެތި، ކުރިމަތިވެދާނެ ލޮޅުންތަކުން ސަލާމަތްވާނެ އެއްވެސް "ބަފަ"އެއް ނެތް ޙާލަތަކަށް ގައުމު ވެއްޓިގެންދާނެ ކަމެކެވެ. އޭގެ ފަހުން އޭނާ ވިދާޅުވީ އެއަށް ވުރެ ބޮޑަށް ކަންބޮޑުވަނީ، ބޭރު ގައުމުތަކަށް ބިން ވިއްކަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުން، ގައުމުގެ މިނިވަންކަމަށް ނުރައްކާ ވެދާނެތީއެވެ.

އެއް ޙާލަތެއް/ އެމްޑީޕީގެ ޢަމަލުތައް ތަފާތު  

މިއީ ފައްޔާޒުގެ ވާހަކައެވެ. ނަމަވެސް އެމްޑީޕީއިން ކަންކުރި ގޮތަށް ބަލައިލަމާ ހިނގާށެވެ. އެމްޑީޕީ ވެރިކަން އައިއިރު ސޮވްރިން ފަންޑުގައި 200 މިލިއަން ޑޮލަރު ހުއްޓެވެ. ފަސް އަހަރު ނިމުނުއިރު ހުރީ 2 މިލިއަން ޑޮލަރެވެ. މި ފަންޑަށް ފަސް އަހަރު ރައްކާކުރި ނަމަ 500 މިލިއަން ޑޮލަރަށް މިއަދު ހާސްވާކަން ނުޖެހޭނެ އެވެ. މީގެ ބަދަލުގައި އެމްޑީޕީން ކުރިކަމަކީ ކޮވިޑު ނިމުނުތާ ދެ އަހަރުފަހުން ވެސް ފައިސާ ޗާޕު ކުރުމެވެ.

ދަރަނި ދައްކަން އޮތްކަން އެނގޭއިރު އެއްވެސް ވަރަކަށް ދަރަނި އަދާކުރުމުގެ ވިސްނުމެއް އޭރަކު ނެތެވެ. އެކަން އެނގެނީ އިގްތިސޯދު ރަނގަޅުވި ވަގުތު ވެސް ދަރަނި ދެއްކުމުގެ ބަދަލުގައި ރޯލްއޯވާ ކުރުމެވެ. އެހެން ހެދުމުން ޖެހިގެން އަންނަ އަހަރު އެ ދަރަނި ދައްކަން އެ އަށް ޕަސެންޓެއް އެޑްވެ އެވެ. ކިތަންމެ ގާތްގައުމެއް ވިޔަސް ރޯލްއޯވާ ކުރުމަށް ފަހު ފަހުން އެއަށް ޕަސެންޓެއް އެއްކުރެއެވެ، މިއީ އެމްޑީޕީން ކަންކުރި ގޮތެވެ. ކޮވިޑަށްފަހު ދުނިޔެ އަށް ފުރަތަމަ ހުޅުވި ގައުމުގެ ގޮތުގައިވި ނަމަވެސް ލިބުނު އާމްދަނީއަށް ހެދި ގޮތެއް ނޭނގެއެވެ. މައިގަނޑު މައްސަލަތައް ހައްލުކުރަން ކުރި މަސައްކަތެއް ނުފެނެއެވެ.

އެއިރާ ޚިލާފަށް ޙާލަތަށް މިއަދު ބަދަލެއް އަތުވެއްޖެއެވެ. ސޮވްރިން ފަންޑަށް ފައިސާ ޖަމާކޮށް ރިޒާވް އެއް ބިލިއަން ޑޮލަރާ ގާތަށް ޖެހިލައިފިއެވެ. ތަފާތަކީ މިއެވެ. އެކަމަކު މިހާރު ، އެމްޑީޕީގެ ވަރަށް ބޮޑު އިންސައްތައެއް ވެސް އޮތް ދަރަނި ހަލާސްކުރުމުގެ ފަހު މަރުހަލާ ފެށުމާ އެކު ދައްކަން ފަށައިފައި މި ވަނީ މުޅިން އެހެން ވާހަކައެކެވެ. ފެންނަނީ މުޅިން އެހެން މަންޒަރެކެވެ.

Ads by Ooredoo