ޚަބަރު

ދެކުނު އޭޝިއާގެ ބައިނަލްއަގުވާމީ ކޮންފަރެންސްއެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބައިވެރިވެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ދެކުނު އޭޝިއާގެ ބައިނަލްއަގުވާމީ ކޮންފަރެންސްއެއްގައި ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބައިވެރިވެއްޖެއެވެ.

Ads by STELCO

ރާއްޖެއިން ބައިވެރިވީ ބަނގްލަދޭޝްގެ ޑާކާގައި ބޭއްވި "ސައުތް އޭޝިޔާ ރީޖަނަލް ކޮންފެރެންސް އޮންދަ ސްޓޭޓް އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ފިޔުޗަރ ޕާތްވޭ" (ސަރޗް 2026)ގެ ކޮންފަރެންސްގައެވެ.

އެކި ގައުމުތަކުގެ އިސްބޭފުޅުން ބައިވެރިވި މި ކޮންފެރެންސްގައި، މަތީ ތައުލީމީ ދާއިރާގެ މުސްތަގުބަލް ބިނާކުރުމުގައި، ދިރާސާކުރުމާއި، އުފެއްދުންތެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީ އަދި އިޖުތިމާއީގުޅުން ބަދަހިކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން މަޝްވަރާކުރިކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ ކޮންފަރެންސްގައި، ރާއްޖޭގެ ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ފާތިމަތު މުހައްމަދު ވަނީ ރާއްޖެ ތަމްސީލުކުރައްވައި ހިތާބުދެއްވައިފައެވެ. އެ ހިތާބުގައި އެކަމަނާ ވަނީ ދެކުނު އޭޝިޔާގެ ހުރިހާ ގައުމުތަކާ ގުޅިގެން އިލްމީ މަސައްކަތްތަކާއި ދިރާސާގެ އަލީގައި މަތީ ތައުލީމީ ދާއިރާއަށް ކުރިއެރުން ހޯދައިދިނުމަށް ކުރެވެން ހުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.

އެ ކޮންފަރެންސްގައި މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)ގެ ސީއީއޯ މަރްޔަމް ފިޒާނާ ރަޝީދު ވެސް ބައިވެރިވަޑައިގެންނެވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!