އެއާޕޯޓުގައި މާރާމާރީ ހިންގި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ލަންކާއަށް ނިސްބަތްވާ ދެ މީހުންނެވެ. އެއީ ޕްރިޔަންތަ ސިލްވަ ދެވަނިއްތިގެ(46އ.) އަދި ތިލަކް ސޮމަޗަންދުރަ މައްޑެތަލެށެ(43އ.) އެވެ.
ބަންދު އަމުުރުގައި ބުނެފައި ވަނީ އެއާޕޯޓުގައި އެ މާރާމާރީ ހިންގިއިރު އާންމުންގެ ގިނަ ބަޔަކު ވެސް ތިބި ކަމަށާއި ދެ މީހުން ވެސް މާރާމާރީ ހިންގީ އޭގެ ނިޔަތުގައި ނޫން ކަމަށާއި ދެ މީހުންނަކީ ވެސް ޒިންމާދާރު ވަޒީފާއެއްގައި އުޅޭ ދެ މީހުންކަމަށް ބުނެފައިވާ ކަމަށެވެ.
ނަމަވެސް ގާޒީ ނިންމައިފައި ވަނީ ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށެވެ.
އެ ދެމީހުން މާރާމާރީ ހިންގި ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތައް ވެސް ހެކީގެ ގޮތުގައި ފުުލުހުން ކޯޓަށް ހުށަހަޅާފައި ވެއެވެ.

