ޚަބަރު

ނޭހާ ލަވަކިޔުން ހުއްޓާލައި، ދާއިރާއާ ދުރަށް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ނޭހާ ކައްކަރު ލަވަކިޔުން ހުއްޓާލައި، ދާއިރާއާ ދުރަށް ދާން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

Ads by STELCO

ނޭހާގެ އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ "ފާސަނަލް ލައިފް" އަދި "ޕްރޮފެޝަނަލް ލައިފް"އިން ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށެވެ. މިވަގުތު އޭނާ ނަގަން ޖެހޭ ޒިންމާތަކުންނާއި ގުޅުންތަކުގެ އިތުރުން އެހެނިހެން ކަންކަމުން ވެސް ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށް ނޭހާ ބުނެފައި ވެއެވެ.

އެނބުރި އަންނާނެ ދުވަހެއް ވެސް ނޭނގޭ ކަމަށް ނޭހާ ބުނެފައިވެއެވެ.

އަމިއްލަ ނަފުސަށް ވަގުތު ދޭން ބޭނުންވާތީ، ޕަޕަރާޒީންނާއި ފޭނުން ވެސް އޭނާގެ ފޮޓޯ އާއި ވީޑިއޯ ނުނެގުމަށް ވެސް ނޭހާ ވަނީ އިލްތިމާސްކޮށްފައެވެ. އޭނާގެ ޕްރައިވަސީއަށް ހުރިހާ އެންމެން ވެސް އިހުތިރާމު ކުރުމަށް ވެސް އެދިފައިވެއެވެ.

ނޭހާ ވަނީ ބޮލީވުޑަށް ހިޓް އެތައް ލަވަތަކެއް ކިޔައިދީފައެވެ. އަދި ވަކިން ވެސް ގިނަ މިއުޒިކް ވީޑިއޯތަކެއް ގެނެސްދީފައިވެއެވެ.

އެންމެ ފަހުން ނޭހާ ކިޔާފައި ވަނީ އޭނާގެ ބޭބެގެ ލަވަޔެއް ކަމަށްވާ "ކޭންޑީ ޝޮޕް"އެވެ. އެ ލަވަޔަށް އާންމުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި، ނޭހާ ޓްރޯލްކޮށްފައެވެ. ގިނަ މީހުން ބުނަނީ އެ ލަވައިގައި ދެކުނު ކޮރެއާގެ މަޝްހޫރު "ބްލެކްޕިންކް" ބޭންޑު ކޮޕީކޮށްފައިވާ ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ނޭހާ މިއުޒިކް ދާއިރާއާ ދުރަށްދާން ނިންމި އެއް ސަބަބަކީ ވެސް އެ ލަވަޔާ ގުޅިގެން އަމާޒުވި ބޮޑެތި ފާޑުކިޔުންތަކެވެ. ނަމަވެސް އެއްވެސް ފާޑުކިޔުމަކަށް ނޭހާ ޖަވާބު ދީފައެއް ނުވެއެވެ.