ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ދޭ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ދޭ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ކޮންމެ އަހަރަކު މޭ މަހުގެ 31 ވަނަ ދުވަސް ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސްގެ ގޮތުގައި ފާހަގަކުރާ އިރު އެ ދުވަހުގެ މުނާސަބަތާ ގުޅިގެން ދުނިޔޭގެ ސިއްހީ ޖަމިއްޔާއިން ދަނީ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް"ގެ ނަމުގައި އެވޯޑެއް ދެމުންނެވެ. މިއީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެ މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ދޭ އެވޯޑެކެވެ.
އެގޮތުން އެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 16އާ ހަމައަށް އޮތީ ހުޅުވާލައިފައެވެ.
ނަމަވެސް ހެލްތު މިނިސްޓްރީން މިއަދު ބުނީ އެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ އެ އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޑަބްލިޔުއެޗްއޯގެ ވެބްސައިޓުގައި ހިމެނޭ ފޯމް ފުރިހަމަ ކުރުމަށްފަހު އެވޯޑަށް އެދި ހުށަހެޅޭނެ ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ ދުންފަތް ކޮންޓްރޯލްކޮށް ދުންފަތުގެ ނުރައްކަލުން މުޖުތަމައު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރާ އަދި ވަކީން ހާއްސަކޮށް އެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް"ގެ ޝިއާރާ ގުޅުން ހުރި މަސައްކަތްތައްކޮށްފައިވާ އަދި ކުރަމުން ގެންދާ ފަރުދުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި އިދާރާތަކުން އެ އިނާމަށް ކުރިމަތިލެވޭނެ ކަމަށެވެ.

