ޚަބަރު

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހުރިހާ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ލިބޭނެ: މިނިސްޓަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހުރިހާ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ލިބޭނެކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް އޮފީހުން ގެނެސްދޭ "ތަރުޖަމާނު" ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ މި ސަރުކާރުގެ ސިއްހީ ސިޔާސަތުތަކުގެ ތެރޭގައި އެކި ސިއްހީ ޓެސްޓުތައް ހެދޭ ވަސީލަތްތައް އަތޮޅު ތެރޭގައި ގާއިމުކޮށް އޭގެ ހިދުމަތްތައް ވަރުގަދަ ކުރުމަށް ކަމަށެވެ. އެގޮތުން އެންމެ ކުދި ރަށްރަށުގައި ވެސް ލެބޯޓަރީގެ ހިދުމަތް ދިނުމަށް ސަރުކާރުން އަމާޒު ހިފި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިއިރު 76 ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ނުލިބޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން އެންމެ ފުރަތަމަ އަމާޒަކަށް ހެދީ އެ 76 ރަށުގައި "ޕޮއިންޓް އޮފް ކެއާ" ގެ އުސޫލުން ބޭސިކް ހުރިހާ ޓެސްޓެއް ހެދޭނެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.

"އެކަން އިރާދަކުރެއްވިއްޔާ މި އެޑްމިނިސްޓްރޭޝަންގެ ފުރަތަމަ އަހަރު ހާސިލުކުރިން. ދެވަަނަ އަހަރު ރައީސްގެ ތަސައްވަރަކަށް ހެއްދެވީ ހުރިހާ ރަށެއްގައި ހަމަ ފިޒިކަލް ލެބޯޓަރީ ގާއިމުކުރުމުގެ މަސައްކަތް ފެއްޓެވުން" މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޒިކަލް ލެބޯޓަރީއެއް ގާއިމުކޮށް ލެބް ޓެކްނޮލޮޖިސްޓުން އެތަނަށް ލައި އެތަނުން އާންމުކޮށް ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބޭނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!