ޚަބަރު

މޭ،ޖޫންގައި އަމިއްލަ ގޮތުން އޭލެވެލް ހެދޭ ގޮތް ހަދައިފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ސާނަވީ އަދި މަތީ ސާނަވީ ނިންމި އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން އިނާމު ހާސިލުކުރި ދަރިވަރުންތަކެއް / ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ

މޭ،ޖޫންގައި އަމިއްލަ ގޮތުން އޭލެވެލް އިމްތިހާނު ހެދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފިއެވެ.

Ads by STELCO

ރާއްޖޭގައި އޭލެވެލް އެޑެކްސެލްގެ މޭ/ޖޫން އިމްތިހާނު ދިނުން ހުއްޓާލާފައި ވަނީ 2019ވަނަ އަހަރުއެވެ. ކޮވިޑް ދުވަސްވަރު ދިރާސީ އާ އަހަރަށް ގެނައި ބަދަލާ އެކު 2020ވަނަ އަހަރުން ފެށިގެން އެ އިމްތިހާނު ހަދަނީ އޮކްޓޯބަރު/ނޮވެމްބަރު ގައެވެ.

މި ބަދަލުގެ ސަބަބުން ދަރިވަރުންނަށް ދިމާވާ އެންމެ ބޮޑު އެއް ދަތިކަމަކީ، އިމްތިހާނުގެ ނަތީޖާ ދަށްވެއްޖެ ނަމަ، ރީސިޓް ހަދައިގެން ނަތީޖާ ރަނގަޅު ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބުމެވެ. އެހެންވުމުގެ ސަބަބުން އޭލެވެލްގެ ގަދަ 10ހޮވައި، ސްކޮލަޝިޕް ކަނޑައަޅާއިރު ރިސިޓް ހަދާ ދަރިވަރުންނަށް އެފުރުސަތު ލިބެނީ އެއް އަހަރު ފަހުންނެވެ. އެހެންވެ މޭ/ޖޫންގައި އިމްތިހާނު ހަދާގޮތަށް ބަދަލުކޮށްދިނުމަށް އެދި ދަރިވަރުން ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މޭ/ޖޫންގެ އިމްތިހާނު ހުއްޓާލުމާ އެކު ރާއްޖޭން ބޭރުން މި އިމްތިހާނު ހެދުމަށް ރާއްޖޭން ބޭރަށް ދަތުރުފަތުރު ކުރުމަށާއި، ހުރުމުގެ ހަރަދަށް އެކަނި ވެސް 30،000ރ.އަށް ވުރެ ގިނަ ފައިސާ ހަރަދުވާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ޕްރައިވެޓް ކެނޑިޑޭޓުންގެ ގޮތުގައި އޭލެވެލް އެޑެކްސެލްގެ މާއްދާތަކުގައި ބައިވެރިވާން ބޭނުންވާ ކެނޑިޑޭޓުންނަށް، މިއަހަރުން ފެށިގެން މޭ/ޖޫން ސީރީސްގެ އިމްތިހާނުތައް ރާއްޖޭގައި އަލުން ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން މޭ/ޖޫން ސީރީސްއާ ގުޅޭ މައުލޫމާތު މިމަހުގެ 4ވަނަ ދުވަހުން ފެށިގެން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން އާންމުކުރަމުން ގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.