ޚަބަރު

ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކިންގް ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތުކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ފަށައިފިއެވެ.

Ads by STELCO

މާލޭގެ ކާނިވާ ހުންނަ ސަރަހައްދުގައި އެޅި ސަލްމާން މިސްކިތުގެ އޭސީތަކަށް ފެށުނީއްސުރެ ވެސް ދޭތެރެ ދޭތެރެއިން މައްސަލަތައް ދިޔައީ ދިމާވަމުންނެވެ. އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި އޭސީތަކަށް މައްސަލަ ބޮޑަށް ދިމާވަނީ މިސްކިތް ހުންނަ ސަރަހައްދުން އަރާ ލޮނުގެ އާވިން ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ އެމްއޭސީއެލްއާއި މިނިސްޓްރީ ގުޅިގެން ސަލްމާން މިސްކިތުގެ އޭސީ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަމާޒަކީ ރޯދަ މަހުގެ ކުރިން  މައްސަލަ ހައްލުވޭތޯ މަސައްކަތްކުރުން ކަމަށެވެ.

"2025ގައި އޭސީ ނިޒާމު މައްސަލަޖެހިގެން ހައްލުތަކެއް ގެނައި. ނަމަވެސް އެކަން ދެމިގެނެއް ނުދިޔަ އަޅުގަނޑުމެން މަސައްކަތްކުރަމުންދަނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލުކުރަން." މިނިސްޓަރު ވިދާޅުވިއެވެ.

ސައޫދީ ރަސްގެފާނުގެ ހިލޭ އެހީއާއި ދިވެހި ސަރުކާރުން ވެސް ހަރަދުކޮށް ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްގެން ހެދި ސަލްމާން މިސްކިތުގައި ނަމާދުކުރަން ފެށީ 2022ވަނަ އަހަރުއެވެ. ނަމަވެސް އަދިވެސް އެ މިސްކިތް ރަސްމީކޮށް ނުހުޅުވައެެވެ.