ޚަބަރު

އުނގޫފާރާއި ދުވާފަރާ ދެމެދު އާރުޓީއެލްއިން ހާއްސަ ފެރީއެއް، ދުވާލަކު ތިން ދަތުރުކުރާނެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އާރުޓީއެލްގެ ލޯންޗެއް--

ރ. އުނގޫފާރާއި އެ އަތޮޅު ދުވާފަރާ ދެމެދު އާރުޓީއެލްއިން ހާއްސަ ފެރީ ދަތުރުތަކެއް ބާއްވަން ނިންމައިފިއެވެ.

Ads by STELCO

އާންމުކޮށް އާރުޓީއެލްއިން ދުވާފަރާ އުނގުފާރާ ދެމެދު ކޮންމެ ދުވަހަކުވެސް ބާއްވަނީ އެއް ދަތުރެވެ. ނަމަވެސް އެ ދެ ރަށުގެ ދެމެދުގައި ހާއްސަ ދަތުރުތަކެއް ބާއްވަން ދުވާފަރުން ސަރުކާރުގައި ދިޔައީ އެދެމުންނެވެ. އެހެންވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެފަދައިން ދަތުރުތައް ބާއްވަން ވައުދުވެސް ވަޑައިގެންފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރައީސްގެ ވައުުދުފުޅާ އެއްގޮތަށް އުނގޫފާރާއި ދުވާފަރާ ދެމެދު ހާއްސަ ފެރީގެ ހިދުމަތް މާދަމާ ފަށާނެ ކަމަށެވެ.

އެގޮތުން ހުކުރު ނޫން ކޮންމެ ދުވަހަކު އުނގޫފާރާއި ދުވާފަރާ ދެމެދު ދުވާލަކު ތިން ދަތުރު ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އާރުޓީއެލްގެ އެޕްއިން ދައްކާގޮތުން ދުވާފަރާއި އުނގޫފާރާއި ދެމެދު ދަތުރުތައް އޮންނާނީ

  • ހެނދުނު އަށެއް ޖަހާއިރު ފުރަތަމަ ދަތުރު
  • ހެނދުނު 09:15ގައި ދެވަނަ ދަތުރު
  • މެންދުރު 12ޖަހާއިރު ތިންވަނަ ދަތުރު

އަދި ހަވީރު ހަތަރެއްގެ ފަހުން ދެ ރޫޓެއް މެދުވެރިކޮށް އުނގޫފާރުން ދުވާފަރަށް އަނބުރާ ދަތުރުކުރެވޭ ގޮތަށް ވެސް ދަތުރު ވަނީ ޝެޑިއުލްކޮށްފައެވެ.

އާބާދީގައި 5000އެއްހާ މީހުން ދިރިއުޅޭ ދުވާފަރުގެ ގިނަ މީހުން އުނގޫފާރަށް ދަތުރުކުރަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ސިއްހީ ހިދުމަތް ހޯދުމަށެވެ. އުނގޫފާރު ހޮސްޕިޓަލަކީ ރ. އަތޮޅުގެ އިތުރުން ނ. އަދި ބ. އަތޮޅުގެ ރައްޔިތުންގެ ވެސް ހިދުމަތް ހޯދާ ހޮސްޕިޓަލެކެވެ.