ޚަބަރު

ހުޅުމާލޭގައި އަޅަނީ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް، ބިންގާ އެޅުން ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހުޅުމާލޭގައި އަޅާ މިސްކިތުގެ ކުރެހުމެއް

ހުޅުމާލޭގައި އަޅާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ ރާއްޖެ އިސްލާމްވިތާ 900އަހަރު ފުރޭ ދުވަހު އަޅަން ސަރުކާރުން ނިންމައިފިއެވެ.

Ads by STELCO

ހުޅުމާލޭގައި"ގްރޭންޑް މޮސްކެއް" ނުވަތަ ބޮޑު މިސްކިތެއް އެޅުމުގެ ތަސައްވަރު އެކުލަވާލައި އަމަލީ މަސައްކަތް ފަށަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިއަދު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަަވަމުންނެވެ.

ނަމަވެސް އެ މިސްކިތުގެ ތަފްސީލެއް ރައީސް ނުދެއްވައެވެ.

އެކަމަކު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖުގައި ވިދާޅުވީ އެ މިސްކިތުގެ ބިންގާ އަޅާނީ  ރާއްޖެ އިސްލާމްވިތާ 900އަހަރުފުރޭ މުނާސަބަތާ ގުޅިގެން އަންނަ ސެޕްޓެމްބަރު މަހުގެ 13ވަނަ ދުވަހު ކަމަށެވެ.

އެ މިސްކިތް ބިނާކުރެވިގެންދާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގއަކާއި ޕާކިން ވެސް ހިމެނޭނެ ކަމަށާއި ވަގުފު ޢިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެންދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަން ވެސް މިސްކިތުގައި ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި މަޝްރޫއަށް ރާއްޖެއިން ބޭރުގެ ހެޔޮ އެދޭ ފަރާތަކުންވަނީ ފަންޑު ހަމަޖެހިފަ. މިއީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ރާއްޖޭގައި ގާއިމު ކުރެވޭ ވަރަށް މުހިންމު އިސްލާމީ މަޝްރޫއަކަށް ވެގެންދާނެ. މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތްވަނީ ނިމިފަ. މި މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ތަފްސީލު ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް. މިސްކިތް ޑިޒައިން ކުރަމުންދަަނީ ރާއްޖެއިން ބޭރުގެ ކަމުގެ ތަޖުރިބާކާރުން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ ޑިޒައިނިންއާއި ހުރިހައި މަރުހަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫއަށް ފަންޑުކުރާ ފަރަތުން ކަމަށާއި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

"މި މިސްކިތުގައި ގާތްގަނޑަކަށް 10ހާސް މީހުންނަށް ނަމާދުކުރެވޭނެކަމަށް ލަފާކުރެވޭ. (މިސްކިތުގައި ޑިޒައިން އެއްކޮށް ނިމުމުން އަދަދު ކަށަވަރުވެގެންދާނެ) މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު މިސްކިތަށް ވެގެންދާނެ. މި މިސްކިތް ބިނާކުރެވެނީ ހުޅުމާލެ ފުރަތަމަ ފިޔަވެއްސާއި ދެވަނަ ފިޔަވެއްސާ ދެމެދުގައެވެ." މިނިސްޓަރު ވިދާޅުވިއެވެ.