ދަތް ތި އުނގުޅަނީ އެންމެ ރަނގަޅަށްތަ؟
އަނގަތެރެ ސާފުކޮށްލުމަށް ދަތް އުނގުޅުމަކީ މުހިންމު ކަމެކެވެ. އާންމު ގޮތެއްގައި ގިނަ މީހުން ދަތް އުނގުޅަނީ ހެނދުނު ނިދާ ހޭލުމަށް ފަހުއެވެ. އޭގެ ސަބަބުން އަނގަތެރެ ސާފުކޮށްލައި، ދުވަސް ފެށުމަށް ފަސޭހަކޮށްދެއެވެ.
އެހެން ނަމަވެސް ޑެންޓިސްޓުން އާންމުކޮށް ކުރާ ސުވާލަކީ، ދަތް އުނގުޅަނީ ރަނގަޅަށް ހެއްޔެވެ؟ ދުވާލަކު ކިތައް ފަހަރު ދަތް އުނގުޅަން ހެއްޔެވެ؟ ދަތް އުނގުޅުމަށް ކިތައް މިނެޓު ހޭދަކުރަން ހެއްޔެވެ؟
ފްރާންސްގެ މަޝްހޫރު ޑެންޓިސްޓެއް ކަމަށްވާ ޕިރޭ ފޮޗާޑް ވިދާޅުވީ ދުވާލަކު 2 އިރު ދަތް އުނގުޅަންވާނެ ކަމަށެވެ. އެގޮތުން ދަތް އުނގުޅާ ކޮންމެ ވަގުތަކު މަދުވެގެން 2 މިނެޓު ހޭދަކުރަންވާނެ ކަމަށެވެ. އެގޮތުން ދަތްޕިލައިގެ ބޭރާއި އެތެރެ އަދި 2 ކޮލުގެ ދަތްތައް އުނގުޅާއިރު، އެއިން ކޮންމެ ފަޅިއަކަށް 30 ސިކުންތު ހޭދަކުރަންވާނެ ކަމަށް ޑރ. ފޮޗާޑް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ދަތް އުނގުޅުމަށް ފަހު ވަގުތުން އަނގަތެރެ ދޮވުމަކީ ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ. ކުޅު ޖެހުމަށް ފަހު އަނގަ ނުދޮވެ ބެހެއްޓުމުގެ ސަބަބުން ދަތްއުނގުޅާ ބޭސް ގިނަ ވަގުތު ދަތްތަކުގައި ހުންނާނެ ކަމަށާއި، އެއީ ދަތްތައް އިތުރަށް ސާފުވުމަށާއި ޖަރާސީމުން ދުރުކުރަން ފައިދާހުރި ގޮތެއް ކަމަށް ވިދާޅުވިއެވެ.
ދަތް އުނގުޅާއިރު ބުރުހަށް މާ ބާރުލައިގެން ވެސް ކަމަކުނުދާނެއެވެ. ދަތްތަކުގައި ބުރުސް ހާކަންވާނީ މެދުމިނެއްގައެވެ. ހިރުގަނޑަކީ ވަރަށް ފަސޭހައިން ހަލާކުވާ އެއްޗެއްކަމުން، އެކަމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.
ދުވާލަކު 2 އިރު ދަތް އުނގުޅަން ޑޮކްޓަރުން ލަފާދިން ނަމަވެސް، ޗޮކްލެޓް، މެޓާ، ފިޒީ ޑްރިންކްސް ފަދަ ހަށިގަނޑަށް ގެއްލުންވާ ފަދަ އެއްޗެއް ކައިފިނަމަ ވަގުތުން ދަތް އުނގުޅުމަށް ވެސް ޑޮކްޓަރުން ލަފާދެއެވެ. އަދި ގަވާއިދުން ޑެންޓިސްޓަކަށް ދަތްތައް ދައްކައި، ޗެކްއަޕް ހެދުމަކީ ވެސް މުހިންމު ކަމެކެވެ.

