ދުނިޔެ

ކެރެން މުލްޑާ : އެޕްސްޓީންގެ ޖަރީމާ ހާމަކުރުމުން މޮޔަކޮށްލި

ފާތިމަތު އަފްނާން ، ދެން އޮންލައިން

ޖެފްރީ އެޕްސްޓީންގެ ވާހަކަ މިހާރު ދެއްކި ނަމަވެސް މި ޒުވާން އަންހެން ކުއްޖާއަކީ މީގެ މާކުރިން މި ވާހަކަ އެންމެ ފުރަތަމަ ދުނިޔެއަށް ކިޔައިދިން މީހާއެވެ. އޭރު އޭނާއަކީ ބުރުސޫރި ރީތި ދުނިޔެއަށް މަޝްހޫރު މޫނެކެވެ. އެޕްސްޓީން ފައިލްތައް މިހާރު އާއްމުކޮށްގެން އެ ބިރުވެރި އަމަލުތަކުގެ ވާހަކަ ދުނިޔެ ދައްކާއިރު 90ގެ އަހަރުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދި ހޮލެންންޑުގެ ސުޕަމޮޑެލް ކެރެން މުލްޑާ ވަނީ މި ވާހަކަ މާކުރިން ކިޔައިދީފައެވެ. އެޕްސްޓީންގެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް އާންމުވުމާ އެކު، ކެރެން މުލްޑާގެ ނަން އަނެއްކާ ވެސް ވަނީ ފެންމަތިވެފައެވެ.އެޕްސްޓީންގެ ރަސްމީ ފައިލްތަކުގައި ސީދާ އޭނާގެ ނަން ނެތް ނަމަވެސް، ދުނިޔޭގެ ނުފޫޒު ގަދަ މީހުން ހިންގާ ޖިންސީ ގޯނާގެ ނެޓްވޯކްތަކާ ބެހޭ ގޮތުން އެންމެ ފުރަތަމަ އަޑުއުފުލި މުލްޑާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

Ads by Allied

މުލްޑާ ވާހަކަ ކިޔައި ދިނުމުން ވީ ގޮތް 

މުލްޑާ މަޝްހޫރުވެގެން ދިޔައީ 1980ގެ ފަހުކޮޅާއި 1990ގެ އަހަރުތަކުގައެވެ. އޭނާ ވަނީ ވެލެންޓީނޯ، ވާސާޗޭ، އަދި ޗެނަލް ފަދަ އެންމެ އުސް ފަންތީގެ ފެޝަން ހައުސްތަކަށް މޮޑެލްކޮށްދީފައެވެ. އޭނާއަކީ 1992ގައި ވިކްޓޯރިއާ ސީކްރެޓްއާ އެކު މަސައްކަތް ކުރި މޮޑެލްއެކެވެ. ނަމަވެސް މުލްޑާއަކީ އެޕްސްޓީން ހިންގި ޖަރީމާގައި އެތައް ބަޔަކު ރޭޕްކުރި ގިނަ މީހުންގެ ތެރޭގައި ހިމެނުނު މީހެކެވެ.

މުލްޑާ ވަނީ 2001ވަނަ އަހަރު ފްރާންސްގެ ޓީވީ ޝޯއެއްގައި ނުފޫޒު ގަދަ އެތައް ބަޔަކާއި ފުލުހުންނާއި، ސިޔާސީ މީހުން އަދި މޮޑެލިން އެޖެންސީގެ އިސްވެރިން ހިމެނޭހެން ހިންގަމުން ގެންދިޔަ ޖިންސީ ގޯނާކޮށް ރޭޕްކުމުގެ މި ވާހަކަ ކިޔައި ދީފައެވެ. ނަމަވެސް އެ އިންޓަވިއު ބްރޯޑްކާސްޓެއް ނުކުރެއެވެ. އެ ވީޑިއޯތައް ޑިލީޓްކޮށްލީއެވެ. މުލްޑާ ވާހަކަތައް ދެއްކިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އޭނާގެ އާއިލާއިން ވަނީ އޭނާ ޕެރިހުގެ ނަފްސާނީ ބަލިމީހުންގެ ހޮސްޕިޓަލެއް ކަމަށްވާ "ވިލާ މޮންޓްސޫރީ"އަށް ގެންގޮސް ފަސް މަސް ދުވަހު އެ ތަނުގައި ބާއްވާފައެވެ. މިކަމަށް ޚަރަދުކުރީ އެލީޓް މޮޑެލް މެނޭޖްމަންޓްގެ ކުރީގެ ސީ.އީ.އޯ ޖެރާލްޑް މާރީއެވެ. އޭނާއަކީ ވެސް ފަހުން ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވުނު މީހެކެވެ. އަހަރުތަކެއް ވަންދެން މުލްޑާ ވަނީ ދާއިމީކޮށް ޑިޕްރެޝަނާ ހަނގުރާމަކޮށްފައެވެ. އަދި 2002ވަނަ އަހަރު، ނިދާ ބޭސް ތަކެއް އޯވަޑޯޒްކޮށްގެން އަމިއްލައަށް މަރުވާން ކުރި މަސައްކަތުން އޭނާ ސަލާމަތްވިއެވެ. އޭނާ ފެނުނީ ޕެރިހުގައި ހުންނަ އޭނާގެ އެޕާޓްމަންޓް ތެރޭގައި ހޭނެތިފައި އޮއްވައެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމުން އޭނާ ފަހުން ރަނގަޅުވިއެވެ .އެންމެ ފަހުން އޭނާ އާންމުންގެ ތެރެއިން ފެނިފައި ވަނީ ވަރަށް މަދު ފަހަރަކުއެވެ. އެގޮތުން 2007ވަނަ އަހަރު ޕެރިހުގައި ބޭއްވި ފެޝަން ޝޯއެއްގައި ބައިވެރިވިއެވެ. އޭގެ ފަހުން 2009ގައި އޭނާ ހައްޔަރުކުރި ހާދިސާ ފިޔަވައި، އިތުރު ޚަބަރެއް މީޑިއާއަކަށް ނާދެއެވެ.

މިހާރު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނަމުންދަނީ ކެރެން މުލްޑާ އަކީ "ހީރޯއެއް" ކަމަށެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އޭނާއަކީ އެޕްސްޓީން ފަދަ ނުފޫޒު ގަދަ މީހުންގެ ނުބައި އަމަލުތަކުގެ ވާހަކަ މާ ކުރިން ދެއްކި މީހެކެވެ. ނަމަވެސް އޭނާގެ އަޑު ކަނޑުވާލުމަށް ޓަކައި އޭނާގެ ކެރިއަރު ހަލާކުކޮށްލައި، "މޮޔައެއް" ކަމަށް ބުނެ ބަންދުކުރީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!