ޚަބަރު ރައްޔިތުންގެ މަޖިލިސް

ގޭހުގެ ޝިޕްމަންޓަކަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ ކޮމެޓީން ބަލަން ފަށައިފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އެސްއޯއީ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:މަޖިލިސް

މޯލްޑިވްސް ގޭހުން ގޭސް ގަތުމަށް ބޭރުގެ ކުންފުންޏަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލުނު މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހުށަހެޅި މައްސަލަ ބަލަން ފަށައިފިއެވެ.

Ads by STELCO

މި މައްސަލަ ބަލައިދިނުމަށް އެދި ކޮމެޓީއަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރެވެ. އޭނާ ކޮމެޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ގޭސް ޝިޕްމަންޓްގެ އެންޑްވާންސްގެ ގޮތުގައި ދުބާއީގެ ކުންފުންޏަކަށް ދެއްކި 246،545 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގެއްލިފައިވާ މައްސަލައަކީ ސަރުކާރު ހިއްސާ އޮންނަ ކުންފުންޏަކަށް ކުރެވޭ ސީރިއަސް ތުހުމަތެއް ކަމަށެވެ.

އެ ފައިސާއަށް ވީގޮތެއް އަދިވެސް ނޭނގޭތީ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެ ސިޓީގައި އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އެ ސިޓީއާ ގުޅިގެން މިއަދު ބޭއްވި އެސްއޯއީ ކޮމެޓީގައި ނިންމާފައި ވަނީ ގޭސް ކުންފުނީގެ ބެލެނިވެރި ފަރާތްތަކުގައިވާ އެސްޓީއޯއިން މައުލޫމާތު ސާފުކުރުމަށެވެ. އެގޮތަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމެވެ.

އޭނާ ވިދާޅުވެފައިވަނީ އެ މައްސަލައާ ގުޅިގެން އެސްޓީއޯއިން ފިޔަވަޅުތަކެއްވެސް އަޅައިފައިވާ ކަމަށެވެ. އެކަމާ ގުޅޭ މައުލޫމާތުތައް ލިޔުމުން ހޯދުމަށް ނާޒިމް ހުށަހެޅުއްވި ހުށަހެޅުން ވަނީ ފާސްވެފައެވެ.

ޝާކިރުގެ ސިޓީގައި، ގޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މުހައްމަދު، މަޖިލީހުގެ ދެ މެންބަރަކަށް ބިރު ދެއްކި ކަމުގެ ތުހުމަތުތަކެއް ވެސް ކުރައްވައި، އެ މައްސަލަ ވެސް ބަލައިދިނުމަށް އެދިވަޑައިގެންފައިވެއެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދަށް ބިރުދެއްކެވުން ކަމަށް ދޭހަވާ ގޮތަކަށް ޝޯޝަލް މީޑިއާގައި އެމްޑީ ޕޯސްޓެއް ކުރައްވާފައިވާކަން އެ ސިޓީގައި ފާހަގަކުރައްވައިފައި ވެއެވެ.