ކޯޓުތަކުގެ ބެކްލޮގުގެ މައްސަލަ ހައްލުކުރަން ހާއްސަ ޓާސްކު ފޯސްއެއެއް އެކުލަވާލައިފި
ކޯޓުތަކުގެ ބެކްލޮގުގެ މައްސަލަ ނުވަތަ ނުނިމި ހުންނަ މައްސަލަތައް ހައްލުކުރަން ހާއްސަ ޓާސްކު ފޯސްއެއެއް އެކުލަވާލައިފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ މިދިޔަ އަހަރު ނިމިގެން ދިޔައިރު އެއް އަހަރު ދުވަހަށްވުރެ ދިގުމުއްދަތެއް ފާއިތުވެފައިވާ 13032މައްސަލަ ރެކޯޑް ކުރެވިފައި އޮތް ކަމަށެވެ. އެހެންވެ އެ މައްސަލަތަކުގެ އިންސާފު އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން ޓާސްކް ފޯސްއެއް އުއްތަމަ ފަނޑިޔާރު މިއަދު އެކުލަވާލައި އެ ޓާސްކް ފޯސްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ޓާސްކް ފޯސް އެކުލެވިގެންވަނީ އެކި މަރުހަލާތަކުގެ ކޯޓުތަކުން ތަމްސީލްވާގޮތަށް 9މެންބަރުންގެ މައްޗަށް ކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ.
އެ ޓާސްކް ފޯހުގެ މަގުސަދަކީ ނުނިމިހުރި މައްސަލަ ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އިދާރީ ގޮތުން ހައްލު ހޯދައިދީ މައްސަލަ އަވަހަށް ނިންމުމަށް މަގު ފަހިކޮށްދިނުން ކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ.
ކޯޓުތަކުގައި މައްސަލަތައް ނުނިމި ދިގުލައިގެންދާތީ އާންމުންގެ ޝަކުވާ އަބަދުވެސް ބޮޑެވެ. އަދި އެފަދަ މައްސަލަތަކާ ގުޅިގެން މަދަނީ ގޮތުން އެކި ފަރާތްތަކަށް ލިބޭ ގެއްލުން ބޮޑުކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

