ޚަބަރު

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ޕެޓިޝަނެއް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

ރާއްޖޭގައި 16އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭންނުން ނުކުރެވޭ ގޮތް ހެދުމަށާއި، އެއްވެސް އުމުރެއްގެ ދަރިވަރަކަށް ސްކޫލަށް ފޯނު ނުވެއްދޭ ގޮތަށް ކަނޑައަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ނިޒާމު ބޭނުންކޮށްގެން މި ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ކުރަނީ ސ. ހިތަދޫ، އަތަމާވިލާ، އަލީ އާނިމް މުފީދު ކިޔާ މީހެކެވެ.

ޕެޓިޝަންއާ ގުޅޭ ތަފްސީލުގައި އާނިމް ބަޔާންކޮށްފައި ވަނީ، ރާއްޖޭގެ މަދު އާބާދީއެއްގެ ތެރޭގައި ފަހަކަށް އައިސް ކުޑަކުދިން ފޯނާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާ ބޭނުންކުރުން އިތުރުވެފައިވާ ކަމަށާއި، އެކުދިން ކުރަނީ ކީއްތޯ ބަލައިލާން ބެލެނިވެރިންނަށް ވަގުތު ވެސް ނުވާ ކަމަށެވެ.

"އަހަރެމެންގެ ކުޑަކުދިންނަށް ޔޫޓިއުބް، ޓިކްޓޮކް އަދިވެސް އެހެނިހެން މަންސަތަކުން ދަނީ އެކިކަހަލަ ފާހިޝް ނުބައި ބަސްތަކާއި އަމަލުތައް ފަސްކޮށްދެމުން. މިހެން މިކަން އޮތުމުން ކުޑަކުދިންނަށް އެކި ކަހަލަ ނޭދެވޭ އަހުލާގީ އަދި ތަބީއީ ބަދަލުތަކެއް އަންނަކަން ފެންނާތީ، މިކަންކަމުގައ ޓެކްނޮލޮޖީއާއި ދުނިޔެއަށް އަންނަ ބަދަލުތަކަށް ބިނާކޮށް ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް އަދާހަމަ ކުރުމަށް ހުޓަހަޅާ ޕެޓިޝަނެއް،" ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ.

ބޭނުންވާ ހައްލުގެ ތެރޭގައި ވަނީ، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ކަމަށްވާ ފޭސްބުކް، ޓްވިޓާ، ޔޫޓިއުބް، ޓިކްޓޮކް އަދި ބައެއް ނޫސްތަކާއި އެނޮނިމަސް ނުވަތަ ކާކުކަން ނޭނގޭނެހެން ޕޯސްޓްކޮށް ހެދޭ ވެބްސައިޓްތަކަށް 16އަހަރުން ދަށުގެ ކުދިންނަށް ނުވަދެވޭހެން ގާނޫނު އިސްލާހު ކުރުމެވެ. އަދި އެ ޕްލެޓްފޯމްތަކަށް އެ ގާނޫނުގައި އެކުލަވާލާ ގަވާއިދާ އެއްގޮތަށް ކުދިން އަމަލުކުރަން އެންގުން ހިމްނާފައިވެއެވެ.

އޭގެ އިތުރުން، ގާނޫނުން އެކަން މަނާ ކުރުމަށްފަހު ސޯޝަލް މީޑިއާ ބޭނުންކުރާކަން އެނގިއްޖެ ނަމަ ކައުންސެލިން ނުވަތަ ނަސޭހަތް ދިނުމަށާއި ތަކުރާރުކޮށް ވަންނަ ކުދިންނަށް ފިޔަވަޅު އެޅުމުގެ ބާރު ސޯޝަލް ޑިވެލޮޕްމެންޓް މިނިސްޓްރީއަށް ދިނުމަށް އެ ޕެޓިޝަންގައި އެދިފައިވެއެވެ. އަދި ސްކޫލްތަކާއި ކޮލެޖުތަކަށް ފޯނު ނުވެއްދޭނެހެން ގަވާއިދެއް އެކުލަވާލައި، އަމަލުކުރަން ފެށުމަށް ވެސް އެ ޕެޓިޝަންގައި އެދިފައިވެއެވެ.