ޚަބަރު

އެޕްރީލްގައި ބޮޑީ ސްކޭނަރު ޖަލުގައި ބޭނުންކުރަން ފެށޭނެ: މިނިސްޓަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ބޮޑީ ސްކޭނަރު މާފުށީ ޖަލުގައި ބޭނުންކުރަން ފެށޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Ads by STELCO

ޖަލުތަކުގެ ތެރެއަށް މަނާތަކެތި ވައްދައި، ކުށްކުރަމުން ދިޔަ ދިޔުން ހުއްޓުވުމަށް، އެންމެ ޒަމާނީ ބޮޑީ ސްކޭނަރެއް މިހާރު މާފުށީ ޖަލަށް ގެންދެވިފައިކަން ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާން ކުރައްވާފައެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެކަމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ބޮޑީ ސްކޭނަރު އިންސްޓޯލްކޮށް އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށާއި މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ބޮޑީ ސްކޭނަރު ބޭނުންކުރަން ފަށާނެ ކަމަށެވެ.

އެ ސްކޭނަރުގެ ބޭނުންކުރަން ފެށުމާއެކު ޖަލަށް ވައްދަން ނުޖެހޭ އެއްވެސް ބާވަތެއްގެ އެއްޗެއް ނުވެއްދޭނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ޖަލަށް ދިމާވެފައިވާ މައްސަލަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ޖަލު ތޮއްޖެހުމާއި ގައިދީންނަށް ރީހެބިލިޓޭޝަން ފަރުވާ ރަނގަޅަށް ހިންގުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ

ކުށްކޮށްގެން ޖަލަށް ހުކުމްކުރާ ފަރާތްތައް ޖަލުގައި ބަންދުކޮށްފައި ތިބޭއިރު، އިންސާނީ ކަރާމާތާއި، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އިންތިޒާމުތައް ހުރިކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ބަލާއިރު، 17ނޮވެންބަރު 2023ގައި ރާއްޖޭގައި ހުރި ޖަލުތަކުގެ ގިނަ ގޮޅިތަކުގައި ކުށްވެރިން އުޅެމުންދިޔައީ ކަރަންޓުގެ ހިދުމަތް ނެތިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ގައިދީންގެ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ހުރިހާ ޖަލުތަކެއްގެ ގޮޅިތަކަށް މިހާރު ވާނީ ކަރަންޓް ފޯރުކޮށްދީފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.