ޚަބަރު

ކުޑަހުވަދޫގައި ޑަބްލިއުޑީސީން ތަރައްގީކުރި ޖިމް މެޑަމް ސާޖިދާ ހުޅުވައިދެއްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ދ. ކުޑަހުވަދޫގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ތަރައްގީކުރި ޖިމް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ހުޅުވައިދެއްވައިފިއެވެ.

Ads by STELCO

އެ ޖިމް އެކަމަނާ ހުޅުވައިދެއްވީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ސާޖިދާ ވަނީ ކުޑަހުވަދޫ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިސްނެގުމާއިއެކު އެފަދަ ޖިމެއް ހުޅުވިގެން ދިއުމަކީ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައިފައެވެ. އަދި  އެކަމަނާ ވަނީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އެހެން ކޮމެޓީތަކުން އެކަން ނަމޫނާއަކަށް ބަލައި އެފަދަ ކޮމެޓީތަކުގެ މުހިންމުކަމާއި އެބޭފުޅުން ކުރައްވާ ހިތްވަރުގަދަ މަސައްކަތް ފާހަގަކުރައްވާފައެވެ.

އަދި ކުޑަހުވަދޫގައި ހުޅުވި ޖިމަކީ ޢާންމު ސިއްހަތު ކުރިއެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި އެކަމަނާ ވަނީ އެ ޖިމްގެ ބޭނުން ހުރިހާ ފަރާތްތަކުން އެންމެ ފުރިހަމަގޮތުގައި ހިފާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

ހަމައެހެންމެ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ހަރަކާތްތެރިކޮށް އުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމަނާ ވިދާޅުވީ ރަށުގައި އެފަދަ ޖިމެއް ހުޅުވުމަކީ މިކަމަށް ލިބިގެންދިޔަ ބާރެއްކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ރައްޔިތުންގެ ދުޅަހެޔޮކަމާއި އާންމު ސިއްހަތު ރައްކާތެރިކުރުމަށް ނުހަނު އިސްކަމެއްދެއްވައިގެން މަސައްކަތްކުރައްވާކަން ފާހަގަކުރައްވައި، އެކަމަނާ ވަނީ އާންމު ސިއްހަތު ކުރިއެރުވުމަށާއި، ބަލިތަކުން ރައްކާތެރި ވެއްޓެއް ގާއިމުކުރެއްވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި، ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކޮށް ޓައިމް މަޖައްލާއިން ހޮވި، 2026ވަނަ އަހަރު ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100ޝަހުސިއްޔަތުގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގެންފައިވާކަން ފާހަގަކުރައްވާފައެވެ.