ޗައިނީސް އާ އަހަރާ ދިމާކޮށް 95 މިލިއަނަށް މީހުން ގައުމުން ބޭރަށް
ޗައިނީސް އާ އަހަރަކީ ދުނިޔޭގައި އަންނަ ދަތުރުފަތުރުގެ އެންމެ ބޮޑު އީދެވެ. ސަބަބަކީ ބޮޑު ބަންދުވުމާ އެކު ޗައިނާގެ ގިނަ ބަޔަކު ދަތުރު ކުރަން ފެށުމެވެ. މި އަހަރު ކުރީ އަހަރުތަކަށް ވުރެ ބޮޑަށް އެ ގައުމުން ރައްޔިތުން އެހެން ގައުމުތަކަށް ދަތުރު ކުރާނެއެވެ. މި އަހަރު އެ ގައުމުން ބޭރަށް 95 މިލިއަނަށް މީހުން ދަތުރުކުރާނެ ކަމަށް ވަނީ ބެލިފައެވެ.
ޗައިނާގެ އޭވިއޭޝަން އިދާރާތަކުން ލަފާކުރާ ގޮތުގައި 40 ދުވަހުގެ މި ބަންދު ތެރޭގައި ވައިގެ މަގުން ދަތުރުކުރާ މީހުންގެ ޖުމްލަ އަދަދު 95 މިލިއަނަށް އަރާނެއެވެ. މީގެ ތެރެއިން ބޮޑު އިންސައްތައަކީ ބޭރު ގައުމުތަކަށް ދަތުރުކުރާ މީހުންނެވެ. ފެބުރުއަރީ 8އާ ހަމައަށް، ބަންދުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެކަނި ވެސް 16.32 މިލިއަން މީހުން ވަނީ ވައިގެ މަގުން ދަތުރުކޮށްފައެވެ.
ޗައިނާގެ އައު އަހަރާ ދިމާކޮށް ކުރާ ދަތުރުތަކަށް ކިޔަނީ "ޗުންޔުން" އެވެ. ކުރިއަށް އޮތް 40 ދުވަހުގެ ތެރޭގައި 9.5 ބިލިއަން ދަތުރު ކުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ފެބުރުއަރީ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނި ވެސް އެއް ބިލިއަނަށް ވުރެ ގިނަ މީހުން އެ ގައުމުގައި އެތެރޭގައި ރޭލުގައި ދަތުރުކުރިއެވެ.
ޗައިނީސް ބަންދު ދުވަސްތައް
މިއަހަރުގެ ބަންދު: ރަސްމީ ބަންދު ދުވަސްތަކަކީ ފެބުރުއަރީ 15އިން 23އަށެވެ.
ބަންދު އިތުރުވުން: މި އަހަރުގެ ބަންދު، ކުރީ އަހަރުތަކަށް ވުރެ އެއް ދުވަސް އިތުރުކޮށް، ޖުމްލަ ނުވަ ދުވަހަށް ވަނީ ބަދަލުކޮށްފައެވެ. މީގެ ބޭނުމަކީ އިގްތިސާދީ ގޮތުން މީހުން ކުރާ ހަރަދު އިތުރުކުރުމެވެ.
މި އަހަރުގެ ދަތުރުތައް އިތުރުވާން ދިމާވި މައިގަނޑު ސަބަބަކީ މިއަހަރުގެ އައު އަހަރުގެ ބަންދު 9 ދުވަހަށް ދިގުވުމަކީ ބޭރު ގައުމުތަކަށް ދަތުރުކުރަން މީހުންނަށް ލިބުނު ފުރުސަތެކެވެ. އަދި ޗައިނާގެ ރައްޔިތުންނަށް ވިސާއާ ނުލައި ދެވޭ ގައުމުތަކުގެ އަދަދު އިތުރުވުމެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ގައުމުން ބޭރަށް ނުދެވި ތިބުމަށް ފަހު، މިހާރު ބޭރަށް ގައުމުތަކަށް ދަތުރުކުރުމުގެ ޝައުގުވެރިކަން އެ ގައުމުގެ ރައްޔިތުންގެ ވަނީ އިތުރުވެފައެވެ.
އެންމެ މަގުބޫލު މަންޒިލްތައް
ތައިލެންޑް އަދި ސިންގަޕޫރު: ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތް ހަދާފައިވުމުން މި ގައުމުތަކަށްދާ މީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އޮސްޓްރޭލިއާ: ހޫނު މޫސުމުގެ ޗުއްޓީ ހޭދަކުރުމަށް ގިނަ ބަޔަކު އޮސްޓްރޭލިއާއަށް ދެއެވެ.
ރަޝިއާ: 2025 ޑިސެމްބަރު މަހުން ފެށިގެން ޗައިނާ ފަތުރުވެރިންނަށް ވިސާ ނުލައި ރަޝިއާއަށް ދެވޭގޮތް ހެދުމުން، މިއީ މިއަހަރު އަލަށް ލިސްޓުގެ ކުރިއަށް އައި ގައުމެކެވެ.
