އެކްސްކަވޭޓާ ޑްރައިވަރުގެ ބަންދަށް އިތުރު 45 ދުވަސް ޖަހައިފި
ތިލަފުށިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު ބަނގްލަދޭޝް މީހާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އެކްސްކަވޭޓަރު އޮޕަރޭޓްކުރަން އިން ޑުރައިވަރުގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.
މިދިޔަ މަހުގެ 26ވަނަ ދުވަހުގެ މެންދުރު ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން މަރުވީ އަމީން މިއާ،(24އ)އެވެ. އޭނާ ފެނުނީ ގެއްލުނުތާ ދެ ދުވަސް ފަހުންނެވެ.
އެ މައްސަލައިގައި މި މަހުގެ ކުރީކޮޅު ހައްޔަރުކުރީ ލަންކާއަށް ނިސްބަތްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ(32އ.) އެވެ. އޭނާގެ ބަންދަށް ފުރަތަމަ ހަތް ދުވަސް ޖެހުމަށް ފަހުން އިތުރު 10 ދުވަސް އޮތީ ޖަހައިފައެވެ.
އޭނާގެ ބަންދާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އޭނާގެ ބަންދަށް އިތުރު 45 ދުވަސް ވަނީ ޖަހައިފައެވެ.
ހެޝަން ރާއްޖެއިން ފިލައިގެންދާން އުޅޭކަމަށް ބެލެވޭ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.
ފުލުހުން ބުނީ އަމީން މިއާ މަރުވި ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާގެ ގައިގައި ޖެހުނު ނަމަވެސް، މެދުކެނޑުމެއް ނެތި މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންވެ ހެޝަންގެ މައްޗަށް ކުރަނީ ގަސްދަކާ ނުލައި މީހަކު މެރިކަމުގެ ތުހުމަތެވެ.


