އިންތިޚާބު ބޮޑު އިންސައްތައަކުން ޕީއެންސީ ކާމިޔާބު ކުރާނެ: އާދަމް ޝަރީފް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބޮޑު އިންސައްތައަކުން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ކާމިޔާބު ކުރާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޤައުމެއް ބިނާ ކުރުމުގައި އަންހެނުންގެ ހިއްސާއާއި ނުލާ ކުރިއަށް ދިއުމަކީ ދަތިކަމަކަށް ވާނެކަމަށާއި އެކަމަށް މަގު ދައްކައިދޭ ބަޔަކު ވެސް ތިބެންޖެހޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މި ޙަފްލާގައި ބައިވެރިވެ ވަޑައިގަތުމަކީ، ސިޔާސީ ކަންކަމުގައްޔާއި ޤައުމު ބިނާ ކުރުމުގައި އަންހެނުންގެ ހިއްސާ، ރަމްޒީ ގޮތުން ހާމަވެގެންދާ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އިންތިޚާބު ބޮޑު އިންސައްތައެއް ކާމިޔާބު ކުރާނެ. އަޅުގަނޑުމެންގެ ހިސާބު އަދިވެސް ދައްކަނީ 80 އިންސައްތައިން، މި އިންތިޚާބު ކާމިޔާބު ކުރެވޭނެތަން" ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، އިންތިޚާބަށް ބޭނުންވާ ހުރިހާ ވަސީލަތެއް މިހާރު މާލެ ގެނެވިފައިވާ ކަމަށާއި އެތަކެތި ރަށްތަކަށް އަވަސް މުސަތަޤްބަލެއްގައި ފޮނުވޭނެ ކަމަށެވެ. އަދި ކެމްޕޭނުގެ ކަންކަން ދަނީ ވަރަށް ޖޯޝާއި ފޯރިއާ އެކު ކަމަށާއި ރަށްތަކުގެ ކެންޑިޑޭޓުން ވެސް މާލެ އަައިސް ދޮރުން ދޮރަށް ކެމްޕޭނު ކުރައްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

