ޚަބަރު

ޗައިނާގެ ނުފޫޒު ކުޑަކުރުމަށް ކްރިޓިކަލް މިނަރަލް ސަޕްލައި ޗެއިން ވަރުގަދަކުރުމުގެ ދެ މަޝްރޫއެއް އެމެރިކާއިން އިޢުލާންކޮށްފި

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ވޮޝިންގޓަން، ޑީ.ސީ. – ދުނިޔޭގެ ކްރިޓިކަލް މިނަރަލް ނުވަތަ މުހިންމު މަޢުދަނުގެ ސަޕްލައި ޗެއިންތަކަށް ޗައިނާއިން ފޯރުވާ ނުފޫޒު ކުޑަކުރުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދެ އާ މަޝްރޫއެއް އިޢުލާންކޮށްފިއެވެ. ވޮޝިންގޓަންގައި ބޭއްވުނު މިނިސްޓީރިއަލް ބައްދަލުވުމެއްގައި އިޢުލާންކުރި މި ދެ މަޝްރޫއަކީ 'ފޯރަމް އޮން ރިސޯސް ޖިއޯސްޓްރެޓީޖިކް އެންގޭޖްމަންޓް' (FORGE) އަދި 'ޕްރޮޖެކްޓް ވޯލްޓް' އެވެ.

Ads by STELCO

ވޮޝިންގޓަންގައި ބޭއްވި ކްރިޓިކަލް މިނަރަލްސް މިނިސްޓީރިއަލްގައި FORGE އިޢުލާންކޮށްދެއްވީ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއެވެ. މި އިނީޝިއޭޓިވްގެ މައިގަނޑު ބޭނުމަކީ ބައިވެރިވާ ޤައުމުތަކާ ގުޅިގެން ޓެރިފްތައް ކަނޑައަޅައި، މަޢުދަނުގެ އަގު ވަކި މިންވަރަކަށްވުރެ ދަށްވިޔަނުދީ ހިފެހެއްޓުމެވެ. މިއީ ޗައިނާއިން ސަބްސިޑީ ދީގެންނާއި މާކެޓަށް މުދާ އުކާލައިގެން އަގުތައް ވައްޓާލުން ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ. ވައިސް ޕްރެޒިޑެންޓް ޖޭޑީ ވޭންސް ސިފަކުރެއްވި ގޮތުގައި މިއީ މާކެޓް ހަމަޖައްސައި، އަގުތަކަށް ބަދަލު ގެނެސްގެން ޗައިނާއިން ހިންގާ އިޤްތިޞާދީ ހަނގުރާމަ ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން، FORGE އިޢުލާންކުރުމުގެ އެއް ދުވަސް ކުރިން އިޢުލާންކުރި 'ޕްރޮޖެކްޓް ވޯލްޓް' އަކީ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އެމެރިކާގެ އުފެއްދުންތެރިންނަށް ބޭނުންވާ މުހިންމު މަޢުދަންތައް ކުރިއަށް އޮތް ތަނުގައި ގަންނާނެކަމުގެ ޔަގީންކަން ދީ، ކުރިއާލައި އަގުތަކާއި މިންވަރު ކަނޑައެޅޭނެއެވެ.

އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި ޗައިނާއިން ގަސްދުގައި އަގުތައް ދަށްކޮށްގެން ގެންގުޅޭ ސިޔާސަތުގެ ސަބަބުން، އެހެން ޤައުމުތަކުގައި މަޢުދަން ނެގުމާއި ސާފުކުރުމުގެ މަސައްކަތަށް އިންވެސްޓްކުރުމަކީ ފައިދާހުރި ކަމަކަށް ނުވެއެވެ. މިހާރުވެސް އެމެރިކާއަށް ބޭނުންވާ 21 ބާވަތެއްގެ މުހިންމު މަޢުދަނުގެ 50 އިންސައްތައަށްވުރެ ގިނައިން ފޯރުކޮށްދެނީ ޗައިނާއިންނެވެ. އަދި އެހެން ތަންތަނުން ރޯ މެޓީރިއަލް ލިބުނު ކަމުގައިވިޔަސް، އެ ތަކެތި ސާފުކުރުމުގެ ކޮންޓްރޯލް އޮތީ ޗައިނާގެ އަތްދަށުގައެވެ.

ޕްރޮޖެކްޓް ވޯލްޓްގެ ސަބަބުން އިންވެސްޓަރުންނަށް އޮތް ނުރައްކާ ކުޑަވެ، އަމިއްލަ ކެޕިޓަލް މި ދާއިރާއަށް ވެއްދުމަށް މަގުފަހިވާނެއެވެ. ނަމަވެސް FORGE ކާމިޔާބުކުރުމަށްޓަކައި ބައިވެރިވާ ޤައުމުތަކުގެ މެދުގައި ހަރުދަނާ އުސޫލުތަކެއް ހުންނަންޖެހޭނެ ކަމަށް މާހިރުން ލަފާދެއެވެ. އެހެންނޫންނަމަ، ބައެއް ޤައުމުތަކުން އަގުހެޔޮކޮށް ޗައިނާގެ މަޢުދަންތައް އެތެރެކުރުމުގެ ފުރުސަތު އޮތުމުން މި މަސައްކަތަށް ހުރަސް އެޅިދާނެއެވެ.

މި މަޝްރޫއުތައް ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި، FORGE އަކީ ހަމައެކަނި އެއްބަސްވުމެއްގެ ބަދަލުގައި ޤާނޫނީ ގޮތުން ބާރުލިބިފައިވާ ވިޔަފާރީގެ ނިޒާމަކަށް ބަދަލުކުރަންޖެހޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޕްރޮޖެކްޓް ވޯލްޓްގެ މަސައްކަތްތައް ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށް ސަރުކާރަށް ވަނީ ލަފާދީފައެވެ.

Ads by PNC