ދެ އިންތިހާބު ދެމެދަށް 6 މަސް: ވެރިކަން ފުރޮޅުމާއި ހަމަޖެހުމުގެ ސުވާލު!
ވެރިކަން ބަދަލުވާ ދުވަހާއި އާ މަޖިލީހެއް އިންތިހާބުވުމާ ދޭތެރޭ އޮންނަ ހަ މަހުގެ ކުރު މުއްދަތަކީ ސިޔާސީ ގޮތުން ދިގު އަދި ހުތުރު ތާރީހެއް ފެންނަން އޮތް ދުވަސްތަކެކެވެ. އޭޕްރިލް ހަތަރެއްގައި ބާއްވާ ރެފަރަންޑަމް އިން ރައްޔިތުން ކައިރީ މި އަހަނީ އެ ހަ މަހުގެ މުއްދަތު މިހާރު އޮތް ގޮތަށް ބާއްވާނީތޯ ނުވަތަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލާނީތޯއެވެ. އެކަމަކު އޭގެ ކުރިން ވިސްނާލަން މުހިންމު ސުވާލަކީ ގާނޫނުއަސާސީ ތަސްދީގު ކުރިތާ 18 އަހަރު ފަހުން އަލުން މި ސުވާލުތައް ރައްޔިތުން ކައިރީ އަހަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟
އެ ވާހަކަ ފަށަން ޖެހެނީ 17 އަހަރު ފަހަތަށް ޖެހިލައިގެންނެވެ. ރައީސް ނަޝީދު ވެރިކަމަށް އައީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަމާއި ބާރު ނިމުމަކަށް ގެނައުމަށެވެ. ނަމަވެސް އެ މަނިކުފާނު ރައީސްކަމާ ހަވާލުވިތާ ހަ މަސް ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި މެޖޯރިޓީ ހޯދީ ރައީސް މައުމޫންގެ ބާރު އޮތް ޑީއާރްޕީއާއި ފަހުން އެ ޕާޓީއާ ކޯލިޝަން ހެދި އިދިކޮޅު ޕާޓީތަކެވެ. ނަތީޖާއަކަށް ވީ މަޖިލީހުގެ ތެރެއިން އެއްވެސް އެއްބާރުލުމެއް ސަރުކާރަށް ނުލިބުމެވެ. ސަރުކާރު ނުހިންގޭ ހިސާބަށް ދިޔުމެވެ. ކެބިނެޓް އެކީ އެއްފަހަރާ އިސްތިއުފާ ދިނުން ފަދަ އާދަޔާ ޚިލާފު އެތައް ކަމެކެވެ. ސިޔާސީ ތަޖުރިބާކާރުން ދެކޭ ގޮތުން ރައީސް ނަޝީދުގެ ވެރިކަން ވެއްޓެން ދިމާވި ކަންކަން ފެށުނު ހިސާބަކީ އެ މަނިކުފާނަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމެވެ.

ރައީސް ނަޝީދުގެ ކެބިނެޓް އިސްތިއުފާ ދިނުން:ސަބަބަކަށް ވިދާޅުވީ މަޖިލީހުން ސަރުކާރަށް ދަތިކުރުން
ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެސް ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން އިންތިހާބުވުމަށް ފަހު އެ ހަ މަހުގެ ސިޔާސީ ގަދަ އޮއިވަރުގައި ޖެހި "ހަން މެށިގެން" ދިޔައެވެ.
ރައީސް މުޢިއްޒުގެ ސަރުކާރަށް ދެ މަހާއި 12 ދުވަސް ވީ ދުވަހު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން ނިންމީ ރައީސް އަޒުލު ކުރުމަށެވެ. އެކަމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ ވަރަށް މެންބަރުންގެ ސޮއި އެއްކުރިއެވެ. އަދި ޕޯޑިއަމްއަށް އަރައި އެކަން އިއުލާންކޮށް ސަރުކާރު "ޖަވާބުދާރީ" ކުރުވުމުގެ ނަމުގައި ސަރުކާރު "ބްލެކްމެއިލް"ކުރުމުގެ ހުތުރު ހަރަކާތް ފެށިއެވެ.
އެ މަނިކުފާނު ވެސް ކުރިމަތިލެއްވި ކަންކަމުގެ ތެރޭގައި ، މަޖިލީހަށް ފޮނުވި ކެބިނެޓް ވަޒީރުންގެ ނަންތަކެއް ފާސް ނުވުމާއި އާ ސަރުކާރު ހިންގަން ބޭނުންވާ ގޮތަށް ބަޖެޓު ފާސްކޮށް ނުދިނުން ވެސް ހިމެނެއެވެ. މަޖިލީހުގެ ތެރެއިން އެއްވެސް ކަމެއް ކުރިޔަ ނުދީ ސިޔާސީ ގޮތުން ކުރެވެން އޮތް ހުރިހާ ޖެއްސުމެއްކޮށް ހައިޖާނެއް ހިންގި ގޮތުގެ ވާހަކަ އަދި އަދަށް ވެސް ޕީއެންސީ މެންބަރުން ދައްކައެވެ.
ހަގީގަތަކީ އޭރު އެމްޑީޕީއަށް މި ވެރިކަން "ވައްޓާލުމުގެ" ގާނޫނީ ބާރު އޮތެވެ. ގައުމު ހަލަބޮލި ކޮށްލައި ބޮޑު ގެއްލުމެއް ދެވުނީހެވެ. މަދުވީ ހަމައެކަނި އެކަން ކުރެވޭ ވަރުގެ ވަރުގަދަ "ގޭސްގަނޑެކެވެ."

އެމްޑީޕީގެ ސްޕަރމެޖޯރިޓީ އޮތް 19ވަނަ މަޖިލިސް: ރައީސް މުޢިއްޒު ވެރިކަމުން ދުރުކުރުމުގެ މަސައްކަތްތަކެއް ކުރި
ކޮންމެ ފަސް އަހަރަކުން އާ ވެރިކަމެއް އިންތިހާބު ވަނީ އާ އުންމީދުތަކާ އެކު ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަންކަން މައްސަލަތައް ހައްލު ކުރުމުގެ ޒިންމާ ކޮނޑުއަޅައިގެންނެވެ. ނަމަވެސް މިދިޔަ 18 އަހަރުގެ ތެރޭގައި ފެނުނު ސިޔާސީ ހަގީގަތަކީ ކޮންމެ ރައީސެއް ވެރިކަމަށް އަންނަ ގޮތަށް ފުރަތަމަ ހަ މަހުގެ ތެރޭގައި އުޅެން ޖެހޭނީ މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށެވެ. އެ ސިޔާސީ ހަލަބޮލި ކަމުގައި ގަނަތެޅޭށެވެ.
ދެ އިންތިހާބު ވަކިވަކިން އޮތީ ކީއްވެ؟
މި ސުވާލަށް ސިޔާސީ ތަޖުރިބާކާރުންނާއި އިދިކޮޅު ފަރާތްތަކުން ތަފާތު އެކި ވާހަކަތައް ދައްކައެވެ.
އެމްޑީޕީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓިގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއްކޮށްލުމުން ލިބޭ އެންމެ ބޮޑު އެއް ގެއްލުމަކީ ރައްޔިތުންނަށް ބަސް އިއްވަން ލިބޭ ފުރުސަތު މަދުވުމެވެ. ވެރިކަމާ ގުޅޭ ގޮތުން ރައްޔިތުންނާ އަލުން ސުވާލު ކުރުމުގެ ފުރުސަތު ގެއްލުވާލުމަކީ "ހީލަތްތެރި ރޭވުމެއް" ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.
އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް "އަދަދު"އަށް ލިޔުއްވި ކޮލަމެއްގައި ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއްކޮށްލުމުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ލިބުމުގެ ފުރުސަތު މިހާރަށް ވުރެ ބޮޑު ވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަ މަޖިލީހަކަށް ހަދައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އަސްލު މަގްސަދު ގެއްލިގެން ދެއެވެ.
ނަމަވެސް މި ދެ ވާހަކައިގައި މާ ބޮޑު ބުރަދަނެއް ނެތީ ހަމަ އެ ދެ ބޭފުޅުން ނިސްބަތްވާ އެމްޑީޕީގެ ތާރީހުން ފެންނަ މަންޒަރުތަކާ ހެދިއެވެ.
ދެ އިންތިހާބު އެއްކޮށްލައިފި ނަމަ ޝާހިދު ވިދާޅުވި ފަދައިން ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުސަތު މަދުވާނެއެވެ. ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރަށް ވީ ގޮތް ފެނުނު ހިސާބުން ދެން އައި ކޮންމެ މަޖިލިސް އިންތިހާބެއްގައި ރައްޔިތުން ކައިރީ އަހާ ކޮންމެ ފަހަރަކު ދެނީ އެއް ޖަވާބެކެވެ.

20ވަނަ ރައްޔިތުންގެ މަޖިލިސް:ފާއިތުވެ ދިޔަ ތިން މަޖިލީހުގެ އަޣްލަބިއްޔަތަކީ ވެސް ސަރުކާރު ހިންގާ ޕާޓީ
ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި މަޖިލީހުގެ މެޖޯރިޓީ ލިބުނީ ސަރުކާރުގެ ކޯލިޝަނަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައްޔިތުން ދިނީ އެމްޑީޕީއަށެވެ. މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ހަ މަސް ތެރޭ ރައްޔިތުން ކައިރީ އަލުން ސުވާލު ކުރުމުން ވެސް ދިނީ އެއް ޖަވާބެކެވެ. އެހެންވެ ދިވެހިންގެ ވިސްނުން އަދި މި ހުރި ގޮތުން ނުވަތަ ސިޔާސީ މީހުން ވިސްނައިދީފައި ހުރި ގޮތުން ރައްޔިތުން ކައިރީ ދެވަނަ ފަހަރަށް އަހައިގެން ވަކި ތަފާތު ޖަވާބެއް އައިސްފައިވާ ތަނެއް ނުފެނެއެވެ.
ދެވަނަ ކަމަކީ ފައްޔާޒް ވިދާޅުވި ތިން ބާރުތައް މަސްހުނިވާ މައްސަލައެވެ. އެއީ ހަގީގަތުގައި ވެސް އޮތް ކަންބޮޑުވުމެކެވެ. ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ އެއް ޕާޓީއަކަށް ލިބުމުން މިހާތަނަށް ފެނިފައި އޮތީ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ މެކޭނިޒަމް ޕެރެލައިޒްވާ ތަނެވެ.
ނަމަވެސް ބާރުތައް މަސްހުނިވާ ގޮތަށް އެ ސިޔާސަތު އެންމެ ބޮޑަށް ވިއްކީ ވެސް އެމްޑީޕީން އެޖެންޑާ-19 ކެމްޕެއިންގެ ތެރެއިންނެވެ. ނަޝީދުގެ ވެރިކަމުގައި ކުރި ހިތި ތަޖުރިބާ ތަކުރާރު ނުކުރުމަށް ކެންޑިޑޭޓަކަށް ނުބަލައި ޕާޓީއަށް ވޯޓު ދިނުމަށް އެމްޑީޕީން ބާރު އެޅިއެވެ. ކޯލިޝަނަށް ދޭ ވޯޓަކަށް ވެސް ނުހަދައި ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ދޭ ވޯޓަކަށް ހެދުމަށް ގޮވާލިއެވެ. ތިލަފަތާއި ، އެޖެންޑާ-19 ރަނގަޅަށް ވެސް ވައިހިއްޕާލިއެވެ. ނަތީޖާއަކީ 2019ގައި އެމްޑީޕީ ވެގެން ދިޔައީ މަޖިލީހުގެ އެއް ޕާޓީއަކުން ސުޕަ މެޖޯރިޓީ ނެގި ފުރަތަމަ ޕާޓީއަށެވެ.
އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ފައްޔާޒް ވެސް ހުންނެވީ އެ ބާރުގެ ނިވަލުގައެވެ. އެތައް ކަމެއް ހިނގި އިރު ޖަވާބުދާރީ ނުކުރުވައެވެ. މަޖިލީހުގެ ކޮންޓްރޯލް އޮތީ އެ ސަރުކާރުން ރަނގަޅަށް ހިސޯރު ކޮށްފައެވެ.
އެހެންވެ ދެ އިންތިހާބު ވަކިވަކިން ބާއްވައިގެން ވެސް ސަރުކާރު ހިންގާ ފަރާތަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުގެ އާދައަކަށް ބަދަލެއް ނާދެއެވެ. މި ކަމާ ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވި ގޮތުގައި ކައިރި ކައިރީ ރިޔާސީ އިންތިހާބާއި މަޖިލިސް އަދި ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ގޮތަށް ގާނޫނުއަސާސީގައި ލިޔެފައި އޮތީ އޭރު ދިގު މުއްދަތަކަށް ވެރިކަން ކުރަމުން ދިޔަ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެރިކަމުން ބޭލުވުމަށެވެ. ހާއްސަ މަޖިލީހުގެ ޔައުމިއްޔާތައް ކިޔާލުމުން އެކަން ވަރަށް ބޮޑަށް ސާފުވެގެން ދާނެ ކަމަށް ޓޮމް ވިދާޅުވިއެވެ.
އެގޮތުން ގާނޫނުއަސާސީ ފަރުމާ ކޮށްފައި އޮތީ މަޖިލީހާ ނުލައި ސަރުކާރު ނުހިންގޭ ވަރަށް ދަތިކޮށްފައި ކަމަށާއި މަޖިލީހަށް އާދަޔާ ހިލާފު ބާރުތަކެއް ދީގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް މައުމޫން ، އައު ޤާނޫނު އަސާސީ ތަސްދީޤުކުރެއްވުން ، އައު ޤާނޫނު އަސާސީ އެކުލަވައިލިއިރު ރައީސް މައުމޫނަށް ދަތިވާ ގޮތަށް އެކަން ކުރިކަމުގެ ވިސްނުން ހުރިކަމަށް މެންބަރު ޓޮމް ވިދާޅުވި
"ރައީސް މައުމޫން ވެރިކަމުގައި ހުންނަ އިރު ވީހާ ވެސް އުނދަގޫވާނެ ގޮތަށް ގާނޫނުއަސާސީ ފަރުމާކުރީ." ޓޮމް ވިދާޅުވިއެވެ. ގާނޫނުއަސާސީއަށް ގެނައި ހަތްވަނަ އިސްލާހާ ގުޅޭ ގޮތުން މި ފަހުން ޑރ. ޝަމްސުލްފަލާހު ދެއްވި ޕަބްލިކް ލެކްޗާގައި އޭނާ ވެސް އެކަން ފާހަގަ ކުރެއްވިއެވެ. އެއީ ރާއްޖޭގެ ގާނޫނުއަސާސީ ފަރުމާކޮށްފައި އޮތީ ރިޔާސީ ނިޒާމަކަށް ވިޔަސް ބަރުލަމާނީ ނިޒާމެއްގެ އެތައް ސިފަތަކެއް އެބަހުއްޓެވެ. އޭގެ މާނައަކީ ހަރުދަނާ އަދި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތްހާ ހިނދަކު މަޖިލީހުގެ މެޖޯރިޓީ ނެތި ސަރުކާރު ހިންގަން ފަސޭހައެއް ނުވާނެއެވެ. އެއީ 2009ގައި އަދި 2024ގައި ވެސް ފެނުނު މަންޒަރެވެ.
ދެ އިންތިހާބު އެއްކޮށްލަން އެންމެ ފުރަތަމަ ތާއީދު ކުރެއްވި ދެ ލީޑަރުންގެ ތެރޭގައި ރައީސް މުޢިއްޒުއާއި ރައީސް ނަޝީދު ހިމެނެނީ ވެސް މިހެންވެ ކަމަށްވެދާނެއެވެ.
އެހެންވެ އޭޕްރިލް ހަތަރެއްގައި ރައްޔިތުން ޖަވާބު ދޭނީ އިތުރު އިންތިހާބެއްގެ ހަރަދު ސަލާމަތް ކުރުމަށް ވުރެ ބޮޑަށް ސިޔާސީ ހަމަޖެހުމާ ބެހޭ ސުވާލަކަށެވެ. ތާރީހުގައި ފެނިގެން ދިޔަ ގޮތަށް ވެރިކަން ފުރޮޅާ ލެވޭ ގޮތަށް ހަ މަހުގެ މުއްދަތެއް ބާއްވާނީތޯ ނޫނީ ހަމަޖެހުމަށް ދޭ ވޯޓެއްތޯއެވެ.



މިވެރިކަން ވެސް ނިމޭނެ ވަގުތު ޖެހުނީމަ އެހާވަރުން ނޫޅުނަސް ވެރިކަމަކީ މާތް ﷲ ދެއްވާ އެއްޗެއް އެގެންދަވާނީ އެކަލާނގެ އިރާދަ ފުޅު
ކުރެއްވި ވަގުތަކުން