ރިޕޯޓް

ޕްރީ ސްކޫލް ޓީޗަރުންގެ ދުލުން، ގޮންޖެހުންތަކެއް ހުރި ނަމަވެސް އުފާވެރި ތަޖުރިބާއެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިއްޔެއަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ ޓީޗަރުންގެ ދުވަހެވެ. ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހު ޓީޗަރުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް ފާހަގަ ކުރާއިރު މިއީ ތަޢުލީމީ ދާއިރާއަށް ވެސް އެހެން އަހަރުތަކާއި ޚިލާފަށް ތަފާތު އަހަރެކެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޢާލަމީ ވަބާ، ކޮވިޑް-19 ގެ ސަބަބުން ގިނަ ދުވަސްތަކަކަށް ސްކޫލްތައް ބަންދު ކުރުމަށް ފަހު ސާނަވީ ގްރޭޑްތަކަށް ކިޔަވައިދޭން ފެށި ނަމަވެސް ޕްރީސްކޫލް ދަރިވަރުންގެ ކިޔެވުން އަދިވެސް ކުރިއަށް ދަނީ ގޭގައެވެ. އޮންލައިން ކޮށެވެ. އެހެންކަމުން މިއީ ޕްރީސްކޫލް ޓީޗަރުންނާއި އެ ދަރިވަރުންނަށް ވެސް ތަފާތު ތަޖުރިބާ އަކަށް ވާނެކަން ޔަޤީނެވެ.

Ads by STELCO

ނިކަން ވިސްނާލަ ބަލާށެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ދަރިފުޅު ހަލަނިކަމުން އެ ދަރިފުޅު "ކޮންޓްރޯލް" ނުކުރެވިގެން އުޅޭ މަންޒަރު އެބަ ފެނެއެވެ. އެ ދަރިފުޅު ގޭތެރޭގައި ހުންނަ އެއްޗިއްސާއި ކުޅެ ހަދާފާނެތީ ހިންދެމިލައިގެން އޮވެވޭނެ ވަގުތެއް ނުވާ ކިތަންމެ ބަޔަކު ތިބެއެވެ. ނަމަވެސް މައިންބަފައިން އެ ދަރިންގެ ހައްގުގައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރެއެވެ. ހަމަ އެފަދައިން ޕްރީ ސްކޫލް ޓީޗަރުންގެ މަސައްކަތަކީ އަޅުގަނޑުމެން އެ މަސައްކަތުގެ އަގު ކޮންމެހެން ވެސް އަދާ ކުރަން ޖެހޭ މަސައްކަތެކެވެ.

ޓީޗަރަކަށް ކުލާސް ރޫމެއްގައި ތިބޭ އެތައް ކުދިންނެއް ބެލެހުއްޓުމުގެ ޒިންމާ ބޮލުގައި އެޅެއެވެ. އެއިން އެއްވެސް ކުއްޖަކަށް އެއްވެސް ގެއްލުމެއް ވޭތޯ ނުވަތަ ކުރަން ނުޖެހޭ ފަދަ ކަމެއް ކުރޭތޯ ބެލުމަކީ އެ ޓީޗަރުގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. އެހެން ކަމުން ކުލާހެއްގެ ތެރޭގައި ޕްރީ ސްކޫލް ޓީޗަރަކު އުފުލާ ބުރަ އާއި އެ ޓީޗަރުން ދަރިވަރުންނަށް އުނގަންނައިދިނުމަށް ވާ ގުރުބާނީ އަކީ ކޮންމެހެން ވެސް އަގުވަޒަން ކުރުން ހައްގު މަސައްކަތެއްކަން ގައިމެވެ.

"ދެން" އާއި ވާހަަކަ ދައްކަމުން ޕްރީ ސްކޫލް ޓީޗިންގެ ދާއިރާގައި 9 އަހަރު މަސައްކަތް ކޮށްފައިވާ ޓީޗަރަކު ބުނީ، ކުޑަކުދިންތަކަކަށް ކިޔަވައިދޭ އިރު ދިމާވާ އެންމެ ބޮޑު ދަތިކަމަކީ، ތަފާތު މިޒާޖުތަކުގެ ކުދިންނާއި ތަފާތުކޮށް "ޑީލް" ކުރަން ޖެހުން ކަމަށެވެ. އަދި އެހާގިނަ ކުދިންތަކެއް ކުޑަކުޑަ ކުލާސް ރޫމެއްގެ ތެރޭގައި "ކޮންޓްރޯލް" ކުރުމަކީ ވެސް އުނދަގޫ ކަމެއް ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

އަދި ހަމައެހެންމެ ބެލެނިވެރިން ގޭގައި ބައެއް ފަހަރަށް ދަރިވަރުންނަށް މަސައްކަތް ނުކޮށްދިނުމަކީ ވެސް ދިމާވާ ދަތިކަމެއް ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި ބައެއް ބެލެނިވެރިން ކުދިންގެ މަސައްކަތްތަކަށް މާ ބޮޑަށް އަޅާ ނުލާ އެކުދިން ކޮންމެ ގޮތަކަށް ގޭގައި މަސައްކަތް ކުރި ކަމުގައި ވިޔަސް އެގޮތް ހެޔޮ ވެފައި ތިބޭ ކަމަށް ވެސް އޭނާ ބުންޏެވެ. އެހެން ކަމުން ސުކޫލްގައި ރީއްޗަށް މަސައްކަތްތައް ކުރުމަށް ބުނުމުން، ގޭގައި "ހަޑިކޮށް" މަސައްކަތް ކުރިއަސް އޯކޭ ކަމަށް ބުނެ ބައެއް ދަރިވަރުން "ބޮޑާ" ހާކާ ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ.

ކުޑަކުދިން ކުލާހުގައި މަޑު ނުކުރުމަށް އަދި މިނޫން ވެސް ސަބަބުތަކާ ހެދި ކުލާހުގައި ރޯ މަންޒަރު ފެނެއެވެ. އެކުދިން ރުއިން ހުއްޓުވުމަށްޓަކައި ގެންގުޅޭ އުކުޅަކީ ކޮބައިތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން މި ޓީޗަރު ބުނީ، އެންމެ ފުރަތަމަ އެ ދަރިވަރަކު ރޯ ސަބަބު ހޯދަނީ ކަމަށެވެ. އަދި އެއަށްފަހު، އެ ދަރިވަރަކު މަސަލަސް ކުރަން މަސައްކަތްކޮށް ރުއިން ހުއްޓުވަން މަސައްކަތް ކުރާ ކަމުގައި ވެސް އޭނާ ބުންޏެވެ.

ކުޑަކުދިންނަށް ކިޔަވައިދިނުމުގައި ދިމާވާ އެންމެ އުފާވެރިކަމަކީ ކޮބައިތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން މި ޓީޗަރު ބުނީ، ހުރިހާ ގަޑިއެއްގައިވެސް އެކުދިން ބުނެލާ ބަސްތަކުން "އެންޖޯއި" ކުރެވޭ ކަމަށެވެ. އަދި އެކުދިންގެ ބަސްތަކުން ވަރަށް ބޮޑަށް ހިތް އުފާ ކޮށްދޭ ކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ.

"ބައެއް ފަހަރަށް ޕޭރެންޓްސް ގުޅާލާފަ ބުނާނެ ދަރިފުޅު މިވެނި ކަމެއް ނުކޮށްގެންނޭ މިއުޅެނީ. އާންޓީ ބުނެބަލާށޭ ކުރާށޭ. އޭރުން ކުރާނެއޭ. ދެން އެހެންވެ އެހާ ލޯބިވެ އެހާ ރެސްޕެކްޓް ކުރާތީ އަސްލު ވަރަށް އުފާވޭ"

 

މާލޭގެ ޕްރީ ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ އެހެން ޓީޗަރަކާ ވެސް އަޅުގަނޑުމެން ވާހަކަ ދައްކާލީމެވެ.

މާލޭގެ ސުކޫލްތަކުގައި އެންމެ ބޮޑު އެއް ދަތިކަމަކީ އެ ސުކޫލްތަކުގެ ޖާގައިގެ ދަތިކަން ކަމުގައި އެ ޓީޗަރު ފާހަގަ ކުރިއެވެ. އެގޮތުން ސުކޫލްގައި އަމިއްލަ "ޕްލޭ ގްރައުންޑް" އެއް ނެތުމަކީ ވަރަށް އުނދަގޫވާ ކަމެއް ކަމުގައި އޭނާ ބުންޏެވެ.

މި ޓީޗަރަކީ ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުދިންނަށް ވެސް ކިޔަވައިދެމުން އަންނަ ޓީޗަރެކެވެ. އެ ތަޖުރިބާ "ދެން" އާއި ހިއްސާ ކުރަމުން އޭނާ ބުނީ، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ނުލިބޭ ކަމަށެވެ. އަދި އެހެން ކުދިންނާއެކު އެކުދިން ގެންގުޅޭއިރު، އެކުދިންނަށް ވަކިން ހާއްސަ ސަމާލުކަމެއް ދޭ ކަމުގައިވެސް އޭނާ ފާހަގަ ކުރިއެވެ.

ކުލާސް ތެރޭގައި އެއް ކުއްޖަކު އަނެއް ކުއްޖަކާ ތޮޅެ ހަދާ ކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ. އެކުދިންނަށް އެންމެ ފުރަތަމަ ނަސޭހަތް ދޭ ކަމަށާއި އަދި އެވަރުން ވެސް ރަނގަޅު ނުވެއްޖެ ނަމަ ވަގުތުކޮޅަކަށް ކުދިންނާއި ވަކިން ބައިންދާލަނީ ކަމުގައި އޭނާ ބުންޏެވެ. އަދި ގިނަ ކުދިން ނަސޭހަތް ދިނުމުން ވަރަށް އަޑު އަހާ ކަމުގައިވެސް ފާހަގަ ކުރިއެވެ.

މިދާއިރާގައި އެންމެ ދެރަވާ ކަމަކީ ބައެއް ފަހަރަށް ބައެއް ބެލެނިވެރިން ބުނާ ބަސްތައް ކަމަށް އޭނާ ފާހަގަ ކުރިއެވެ. އެގޮތުން، ޓީޗަރަށް ނޭނގި ކުލާސްތެރޭގައި ކުޑަކުޑަ ތަންކޮޅެއް ކުއްޖެއްގެ ގައިގައި މަށައިގެން ދިޔަސް، އެނބުރި އައިސް ޓީޗަރާ ދިމާއަށް އެއްޗެހި ކިޔާކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި އެއީ ވަރަށް ހިތުގައި ޖެހޭ ކަމެއްގެ ގޮތުގައި ވެސް ފާހަގަ ކުރިއެވެ. ބައެއް ބެލެނިވެރިން ޓީޗަރުންގެ އަގު ވަޒަން ނުކުރި ނަމަވެސް ގިނަ ބެލެނިވެރިން ޓީޗަރުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

މި ދާއިރާގައި އެންމެ އުފާވާ ކަމެއްގެ ގޮތުގައި މި ޓީޗަރު ފާހަގަ ކުރީ، ކުދިންގެ ކުރިއެރުން ފެނުމެވެ. މިސާލަކަށް، އެ ޓީޗަރުގެ ކުލާހަށް އަންނަ އިރު ފަންސޫރުގައި ރީއްޗަށް ހިފަހައްޓައިގެން ލިޔަން ނޭނގޭ ކުދިން، އަހަރު ނިމޭއިރު ރީއްޗަށް ލިޔާތަން ފެނުމަކީ ހިތަށް ބުނެދޭން ނޭނގޭ ފަދަ އުފާވެރިކަމެއް ގެނުވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރިއެވެ.

ކޮވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރޭގައި  ވެސް މި ޓީޗަރުވަނީ އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައިދީފައެވެ. އޮންލައިންކޮށް ކިޔަވައިދިނުމުގައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ އަޅުގަނޑުމެން އެންމެން ވެސް ދަންނަ "އިންޓާރނެޓް" ގެ މައްސަލައެވެ. މީގެ އިތުރުން ބައެއް ބެލެނިވެރިން ކުދިން ކުލާހުގައި ބައިވެރި ނުކޮށް ވެސް ތިބޭ ކަމަށާއި ކުދިންގެ މަސައްކަތް ތަކުގައި ވެސް ވަރަށް ފަރުވާ ކުޑަ ކުރާ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި ބައެއް ބެލެނިވެރިން، ކުދިން ލައްވާ މަސައްކަތް ކުރުވުމުގެ ބަދަލުގައި ބެލެނިވެރިން އަމިއްލައަށް މަސައްކަތް ކޮށްފައި ވެސް ފިލާވަޅުތައް ފޮނުވާފައި އެބަހުރި ކަމުގައި މި ޓީޗަރު ފާހަގަ ކުރިއެވެ. އެހެން ކަންތައް ކުރުމުން ދަރިވަރަށް ކުރިއެރުން ނުލިބޭކަން މި ޓީޗަރު ފާހަގަ ކުރީ ހިތާމައާއެކުގައެވެ.

ޕްރީ ސުކޫލް ޓީޗިންގެ ދާއިރާއަށް ނުކުމެ އަދި މާގިނަ ދުވަސްތަކެއް ނުވާ ޓީޗަރަކާ ވެސް ސުވާލުތަކެއް ކޮށްލީމެވެ. އޭނާ ބުނީ، މިއީ ވަރަށް އުފާވާ ވަޒީފާއެއް ކަމުގައެވެ. އެގޮތުން އެންމެ އުފާވަނީ ކުދިންނަށް އެއްޗެހި ތަކެއް ދަސްކޮށްދެވޭތީ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި ހަމަ އެހެންމެ ކުދިންނާއެކު ކޮންމެ ދުވަހަކު ވެސް ހޭދަކުރެވޭ ވަގުތުތަކަކީ ނުހަނު އުފާވެރި އަގުހުރި ވަގުތުތަކެއްގެ ގޮތުގައި އޭނާ ފާހަގަ ކުރިއެވެ. އެ ކުދިންނާއެކު މަޖާކޮށްލާ، ގޭމްތައް ކުޅެލާ އުޅޭ ވަގުތު ތަކަކީ ހަގީގަތުގައި ވެސް ވަރަށް އުފާވާ ވަގުތުތަކެއްގެ ގޮތުގައި އޭނާ ފާހަގަ ކުރިއެވެ.

ޕްރީ ސުކޫލް ކުދިންނަށް ކިޔަވައިދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ އެކުދިންނަށް ބޭސިކް ނޮލެޖް ދަސްކޮށްދެވޭތޯ ކަމުގައި ކަމަށް އޭނާ ބުންޏެވެ. އެގޮތުން މިސާލަކަށް އަކުރުތައް ކިޔާ ގޮތާއި އަކުރުތަކުގެ އަޑުތައް ދަސްކޮށްދޭ ކަމުގައި ވެސް ފާހަގަ ކުރިއެވެ.

މިއީ ޕްރީ ސްކޫލު ޓީޗަރުންގެ ތަޖުރިބާއެވެ. އެޓީޗަރުންގެ އަގުހުރި މަސައްކަތްތަކުގެ ވާހަކައެވެ. އެ ޓީޗަރުންނާއި ދިމާވާ ގޮންޖެހުންތަކުގެ ވާހަކައެެވެ. ދަތިތަކާއި އުނދަގޫ ތަކުގެ ވާހަކައެވެ. ނުދައްކާ ވާހަކައެކެވެ. ނަަމަވެސް ދެއްކުން މަޖުބޫރު ވާހަކަތަކެއްކަން ގައިމެެވެ. ތައުލީމުގެ ފުރަތަމަ ބިންގާ ދަރިވަރަކަށް އަޅައިދިނުމުގައި އެ ޓީޗަރުން އެވާ ގުރުބާނީ އަކީ ދުލާއި ގަލަމުން ބަސް ހުސް ވަންދެން ވާހަކަ ދެއްކި ކަމުގައި ވިޔަސް ޝުކުރު އަދާ ނުކުރެވޭނެ މަތިވެރި މަސައްކަތްތަކެއް ކަން ގައިމެވެ.

އަޅުގަނޑުގެ ދުއާ އަކީ ކުޑަކުދިންނަށް ކިޔަވައިދިނުމުގައި އަގުހުރި ވަގުތުތައް ހޭދަކުރާ ޓީޗަރުން ހެޔޮހާލުގައި ލަހައްޓަވާ އުފާވެރިކަން މަތީގައި ދެމެހެއްޓެވުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!