ރިޕޯޓް

މޮރިޝަސްއިން ގުޅުން ކަނޑާލިޔަސް ފޯޅަވަހީގެ މިލްކުވެރިންނަކީ ދިވެހިން

ފާތިމަތު އަފްނާން ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ --

ރާއްޖެއާއި މޮރިޝަސްގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަކީ އިސްތިއުމާރީ ދުވަސްވަރަށް ފަހު އައި ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކެއްގެ ގޮތުން ހުރި އެއްގޮތް ކަންތައްތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ. ނަމަވެސް، ފޯޅަވަހި ނުވަތަ ޗާގޯސް އާކިޕެލާގޯގެ ސިޔާދަތީ ބާރާއި ކަނޑުގެ ސަރަހައްދު ކަނޑައެޅުމާ ގުޅޭގޮތުން އުފެދުނު މައްސަލަތަކުގެ ސަބަބުން މި ގުޅުމަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފައެވެ. ރާއްޖެއާއި މޮރިޝަސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރީ 15 ޖެނުއަރީ 1981 ގައެވެ. ނަމަވެސް މި ގުޅުމަށް 45 އަހަރުފަހުން މިވަނީ ރަސްމީކޮށް ކުނިޖެހި ، ނިމުމަކަށް އައިސްފައެވެ. އިއްޔެ އެ ގައުމުން ނިންމި ނިންމުމާ އެކު ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން ވަނީ "ސަސްޕެންޑް"ވެފައެވެ. ދެގައުމުގެ ގުޅުން ނިމިގެން ދިޔައިރު ސުވާލަކީ މިއީ ކިހާ ގުޅުން ބޮޑު ދެ ގައުމު ހެއްޔެވެ؟

Ads by Allied

ރާއްޖެއާއި މޮރިޝަސްއަކީ ވެސް އިނގިރޭސި އިސްތިއުމާރުގެ ދަށުގައި ކުރިން އޮތް ދެ ގައުމެވެ. ރާއްޖެ މިނިވަންވީ 26 ޖުލައި 1965ގައެވެ. މޮރިޝަސް މިނިވަންވީ 12 މާރިޗު 1968 ގައެވެ. ދެ ގައުމުން ވެސް މިނިވަންވުމަށް ފަހު އދ. އާއި ކޮމަންވެލްތުގެ މެންބަރަކަށްވެ، ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތްކުރަން ފެށިއެވެ. ރާއްޖެއާއި މޮރިޝަސްގެ ގުޅުން ބޮޑަށް ބިނާވެފައި އޮންނަނީ މަސްވެރިކަމާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތަކަށް ވަކާލާތު ކުރުމަށެވެ. އެއް ގަލަށް އަރަނީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ބެލެހެއްޓުމުގައެވެ. މި ގުޅުމުގެ ދަށުން ރާއްޖެއާއި މޮރިޝަސްއަކީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން ޖަމްއިއްޔާއެކެވެ. މި ޖަމިއްޔާގެ މައި އޮފީސް ހުންނަނީ މޮރިޝަސްގައެވެ. މި ޖަމިއްޔާގެ 22 ވަނަ މެންބަރުގެ ގޮތުގައި ވެފައި ވަނީ 2018ވަނަ އަހަރުއެވެ. މީގެ އިތުރުން، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް ގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުން ވަކާލާތު ކުރެއެވެ.

ދެ ބަސްވުން އުފެދުނީ ފޯޅަވަހީގެ މިލްކުވެރިކަމުގެ މައްސަލައިން

މޮރިޝަސްއާއި ރާއްޖޭގެ ގުޅުން ގޯސްވާން ދިމާވި މައިގަނޑު ސަބަބަކީ ފޯޅަވަހީގެ މިލްކުވެރިކަމުގެ މައްސަލަ އެވެ. އެގޮތުން 1965ގައި އިނގިރޭސިވިލާތުން މޮރިޝަސްގެ ދަށުން ފޯޅަވަހި ވަކިކޮށް، ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ އުފެއްދިއެވެ. މޮރިޝަސްއިން ވަކާލާތު ކުރަމުން ދިޔައީ މިއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ. އަދި 22 އޮގަސްޓު 2022ގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކުން، ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތް ކަމަށް ގަބޫލުކުރެއްވިއެވެ. މި ނިންމުމަށް ރާއްޖޭގެ އެތެރޭގެ ސިޔާސީ މަސްރަހުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

އިޓްލޮސް ގެ ނިންމުން 

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާތީ، މޮރިޝަސްއިން އެ މައްސަލަ އިޓްލޮސްއަށް ހުށަހެޅިއެވެ. އަދި 28 އޭޕްރީލް 2023ގައި އިޓްލޮސްއިން ނެރުނު ހުކުމުގައި، ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތް ކަމަށް ބަލައިގެން ކަނޑުގެ ސަރަހައްދު ދެބައިކުރިއެވެ.

ކަނޑުބެހި ގޮތް 

ރާއްޖެއަށް 47,232 އަކަކިލޯމީޓަރުގެ ސަރަހައްދެއް

މޮރިޝަސް އަށް 45,331 އަކަކިލޯމީޓަރުގެ ސަރަހައްދެއް

ބްލެންހެމް ރީފް އަށް ދިނީ "ހާފް އިފެކްޓް"

ސިޔާސީ ގޮތުން މައްސަލަތައް ހުރި ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތަކެއް އޮވެއެވެ. އެގޮތުން 2024ވަނަ އަހަރު ރާއްޖެއިން މޮރިޝަސްއަށް އެކްސްޕޯޓް ކުރި މުދަލުގެ އަގު 15.4 މިލިއަން ޑޮލަރަށް އަރައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ޕެޓްރޯލިއަމް ގޭހެވެ. ހަމައެއާ އެކު، މޮރިޝަސްއިން ރާއްޖެއަށް ފަރުނީޗަރާއި ފޭރާމުގެ ބާވަތްތައް އެކްސްޕޯޓް ކުރެއެވެ.

ފޯޅަހި މިލްކުވެރިކަމުގައި ކުރާ ދައުވާގެ ހެކިތައް 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ސަރުކާރުގެ ސިޔާސަތު ބަދަލުކުރައްވައިފައެވެ. ރައީސް މުއިއްޒު ވިދާޅުވަނީ ފޯޅަވަހީގެ މައްޗަށް މޮރިޝަސްއަށް ވުރެ ބޮޑު ހައްގެއް ރާއްޖެއަށް އޮތް ކަމަށެވެ. މިކަމަށް ހުދު އިނގިރޭސި ސިޔާސީ މީހުން ވެސް ހެކިވެއެވެ.

ރާއްޖޭގެ ދައުވާ ބިނާކުރާ ހެކިތައް 

އާސާރީ ހެކި: ފޯޅަވަހިން ފެނިފައިވާ 900 އަހަރުވީ މަހާނަ ގާތަކުގައި ދިވެހި ބަހުން ލިޔެފައި ހުރުން.
ރަސްމީ ލިޔުންތައް: 1560ވަނަ އަހަރު ސުލްޠާން ޙަސަން 9ވަނަ ލިޔުއްވި ސިޓީއެއްގައި ފޯޅަވަހީގެ ހަތް ރަށަކީ ރާއްޖޭގެ ތަނެއް ކަމަށް ބަޔާންކުރައްވާފައި އޮތުން.
ދިވެހި ނަންތައް: ފޯޅަވަހީގެ ރަށްތަކަށް ދިވެހިން ކިޔާފައިވާ ނަންތަކަކީ އިސްތިއުމާރީ ބާރުތައް އައުމުގެ ކުރިން ކިޔާފައިވާ ނަންތައް ކަމަށްވުން.

ފެބްރުއަރީ 2026ގައި ރައީސް މުއިއްޒު ވަނީ ރައީސް ސޯލިހު ފޮނުއްވި ސިޓީ ބާތިލުކުރައްވައި، ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމުގެ ގާނޫނީ މަސައްކަތް ފައްޓަވައިފައެވެ.

މިއީ ޖިއޯޕޮލިޓިކްސްއާ ގުޅުން އޮތް މައްސަލައެއް

ފޯޅަވަހީގެ މައްސަލައަކީ ހަމައެކަނި ރާއްޖެއާއި މޮރިޝަސްގެ މައްސަލައެއް ނޫނެވެ. މިއީ އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒު އޮންނަ ޑިއެގޯ ގާސިއާއަކީ މި ސަރަހައްދުގެ އެންމެ މުހިންމު ތަނެވެ. އަދި 2025ގައި އިނގިރޭސިވިލާތުން މޮރިޝަސްއަށް ސިޔާދަތީ ބާރު ދޭން ނިންމި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފާޑުވިދާޅުވެފައެވެ.އަދި އިންޑިއާއިން މޮރިޝަސްގެ ދައުވާއަށް ތާއީދުކޮށް، އެ ގައުމަށް 680 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދީފައިވާއިރު، ރާއްޖޭގެ ކަނޑުގެ ސަލާމަތަށް ވެސް އިންޑިއާއިން ދަނީ އެހީތެރިވަމުންނެވެ. ނަމަވެސް އިއްޔެ މޮރިޝަސްއިން ވަނީ ރާއްޖެއާ އެކު އޮތް ހުރިހާ ސިޔާސީ ގުޅުމެއް ކަނޑައިލައިފައެވެ. މޮރިޝަސްއިން މި ނިންމުން ނިންމީ ރައީސް މުއިއްޒު ފޯޅަވަހީގެ މައްޗަށް ރާއްޖޭގެ ބާރު އޮތް ކަމަށް ވިދާޅުވެ، މޮރިޝަސްގެ ސިޔާދަތީ ބާރު ގަބޫލުކުރަން ދެކޮޅު ހެއްދެވުމާ ގުޅިގެންނެވެ.

މި ވަގުތު ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ރާއްޖެއިން ދަނީ ކޯސްޓްގާޑް އުޅަނދުތަކާއި ޑްރޯން ބޭނުންކޮށްގެން ދެކުނުގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!