މޮރިޝަސްއިން ރާއްޖެއާ ގުޅުން ކަނޑާލުމަކީ ތާކުންތާކު ނުޖެހޭކަމެއް: ރައީސް
ޗާގޯސްގެ ޖަޒީރާ ރަށްތަކާ ގުޅިގެން އުފެދިފައިވާ ހިލާފުތަކާ ގުޅިގެން ރާއްޖެއާ އެކު ހާރިޖީ ގުޅުން ސަސްޕެންޑް ކުރުމަށް މޮރިޝަސް ސަރުކާރުން ނިންމި ނިންމުމަކީ "ތާކުންތާކުނުޖެހޭ" ނިންމުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޮރިޝަސްގެ ކެބިނެޓުން އެ ނިންމުން ނިންމީ، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށާއި، އެތަނާ ގުޅޭ ގޮތުން އިނގިރޭސި ސަރުކާރާ އެކު ސޮއިކުރަން މަސައްކަތް ކުރާ އެއްބަސްވުމާ ވެސް ރާއްޖޭން ދެކޮޅުހަދާ ކަމަށް ބުނެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މޮރިޝަސްއިން ގުޅުން ކަނޑައިލިޔަސް ހަގީގަތް ބަދަލުނުވާނެ ކަމަށެވެ.
"ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ހައްގު ނޫން ތަނެއް މޮރިޝަސްއަށް ހައްގެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މޮރިޝަސްއިން އެގޮތަށް ނިންމީ ރާއްޖެއާ އެއްވެސް މަޝްވަރާއެއް ވެސް ނުކޮށް ކަމަށާއި، ޗާގޯސް ހޯދަން ރާއްޖޭން ފަށާފައިވާ މަސައްކަތް ހުއްޓައިނުލާނެ ކަމަށެވެ. އަދި ޗާގޯސްއަކީ މީގެ އެތައް ގަރުނެއް ކުރިން ރާއްޖޭގެ ތަނެއް ކަމަށް ތާރީހީ ފޮތްތަކުގައި ވެސް ލިޔެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"އިނގިރޭސި ސަރުކާރުގެ ބާރުގެ ދަށުގައި އެތަން ބާއްވަންޏާ އެއީ އަދި ވަކި އިޝޫއެއް. އެކަމަކު އިނގިރޭސި ސަރުކާރުން އެތަން އެއްވެސް ގައުމަކާ ހަވާލުކުރަންޏާ، ހަމައެކަނި އޮތް ގައުމަކީ ދިވެހިރާއްޖެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިނގިރޭސި ސަރުކާރުން ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ނިންމި ނިންމުމާ ދެކޮޅަށް ދިވެހި ސަރުކާރުން މަސައްކަތް ފަށައި، ބައިނަލްއަގުވާމީ މިންގަނޑުގެ ތެރެއިން މައްސަލަ ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ.