ޚަބަރު

ފުޅަދޫގެ އާންމު ތަންތަނުގައި ނިވާކަންކުޑަކޮށް އުޅޭ ފަތުރުވެރިން ޖޫރިމަނާކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބ. ފުޅަދޫ

ލޯކަލް ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ބ.ފުޅަދޫގެ އާންމު ތަންތަނުގައި ނިވާކަން ކުޑަކޮށް އުޅޭ ފަތުރުވެރިން ޖޫރިމަނާކުރަން އެ ރަށުގެ ކައުންސިލްއިން ނިންމައިފިއެވެ.

Ads by PNC

ފުޅަދޫ ކައުންސިލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ރަށުގެ އާންމު ތަންތަނުގައި ނިވާކަން ކުޑަކޮށް އުޅޭ ފަތުރުވެރިންގެ ޝަކުވާ ލިބޭ ކަމަށާއި އެކަން ހައްލުކުރަން ކުރިން ވެސް މަސައްކަތް ކުރި ކަމަށެވެ.

އެހެންވެ އެ ފަދައިން އުޅޭ ފަތުރުވެރިން 750ރުފިޔާއިން ޖޫރިމަނާކުރަން ކައުންސިލްގެ ބައްދަލުވުމެއްގައި ފާސްކޮށްފައިވާ ކަމަށް ފުޅަދޫ ކައުންސިލްއިން ބުންޏެވެ.

އެ ނިންމުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށް ވެސް ކައުންސިލްއިން ބުންޏެވެ.

ނިވާކަން ކުޑަކޮށް އުޅޭ ފަތުރުވެރިންގެ މައްސަލަ މިދިޔަ އޮގަސްޓު މަހު އއ. އުކުޅަހުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގައި އާންމުން ބޭނުންކުރާ ބީޗާއި، ރަސްޓޯރެންޓްތަކާއި އަދި މަގުމަތީގައި ވެސް ނިވާކަން ކުޑަކޮށް ފަތުރުވެރިން އުޅޭކަމުގެ ޝަކުވާ ލިބޭ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ.

ބައެއް ރަށްރަށުގައި ފަތުުރުވެރިންނަށް "ބިކިނީ" ބީޗު ހާއްސަކޮށްފައި ހުއްޓަސް އާންމުން ބީޗަށް އެރޭ ސަރަހައްދަށް ބިކިނީގައި އެރޭކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!