ޚަބަރު

ސީރިއާ ހަނގުރާމައަށް ގޮސް ތުރުކީގައި ތާށިވެފައި ތިބި ދެމައިން ރާއްޖެ ގެނެސްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން/ފޮޓޯ: ރައީސް އޮފީސް

ސީރިއާގައި ކުރާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެގައުމަށް ދިއުމަށް ފަހު ފަހުން ތުރުކީއަށް ހިޖުރަކޮށް، އެގައުމުގައި ތާށިވެފައި ތިބި ދިވެހި ދެމައިން ރާއްޖެ ގެނެސް، ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Ads by PNC

ސީރިއާ އަދި އެ ނޫން ވެސް ހަނގުރާމަވެރި ގައުމުތަކުގައި ޖިހާދުގެ ނަމުގައި ބައިވެރިވާން ގޮސް، ހާލުގައި ޖެހިފައި ތިބޭ އާއިލާތައް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

އެ މަސައްކަތުގެ ތެރެއިން، ތުރުކީގައި ތާށިވެފައި ތިބި ތިން މީހެއްގެ ތެރެއިން 14އަހަރުގެ އަންހެން ކުއްޖަކާއި އެކުއްޖާގެ މަންމަ ރާއްޖެ ގެނެސްފައިވާ ކަމަށް މިއަދު އިހުސާން ވިދާޅުވެފައިވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ އެ ދެމައިންނަށް ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ހިދުމަތް ދެމުންދާ ކަމަށެވެ.

އޭގެ އިތުރުން، ރިހެބިލިޓޭޓް ކުރުމަށްފަހު 23މީހަކު އަނބުރާ މުޖުތަމައުއަށް ދޫކޮށްލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސީރިއާގެ 2ސަރަހައްދެއްގައި ތިބި 60އެއްހާ ދިވެހިންނާއި އެހެން ހަނގުރާމަވެރި ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

އެގޮތަށް ގެންނަ މީހުންގެ ތެރެއިން ދައުވާ ކުރަންޖެހޭ މީހުންނަށް ދައުވާ ކުރާނެ ކަމަށް މީގެ ކުރިން އިހުސާން ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!