ޚަބަރު

ގައުމީ ހެލްތު ލެބޯޓަރީ އިމާރާތްކުރަން އަންނަ ޖުލައި މަހު ބީލަމަށް ލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި ހެލްތު މިނިސްޓަރު ނާޒިމް/ ފޮޓޯ: ރައީސް އޮފީސް

ގައުމީ ހެލްތު ލެބޯޓަރީ އިމާރާތްކުރަން އަންނަ ޖުލައި މަސްތެރޭގައި ބީލަމަކަށް ހުޅުވާލެވޭނެކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Allied

ހެލްތު މިނިސްޓަރު އެގޮތަށް ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސްކޮންފެރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނެޝަނަލް ހެލްތު ލެބޯޓަރީ ޑިޒައިންކޮށް ފީސިބިލިޓީ ސްޓަޑީ ހެދުމާއި ކޮންސަލްޓަންސީގެ ހިދުމަތް ހޯދުމަށް ބައިނަލްއަގުވާމީ ވާދަވެރި ބީލަމަކަށް ހުޅުވާލައިގެން ހޮވުނު ޖަރުމަނުގެ ކުންފުނި "ޖައިޓެކްއާ އެކު މިނިސްޓްރީ މިދިޔަ ނޮވެމްބަރު މަހު އޮތީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ މަސައްކަތް ކުރުމަށް 1.2މިލިޔަން ޑޮލަރަށް އެކުންފުންޏަށް ހަވާލުކޮށްފައިވާއިރު، މަސައްކަތުގެ ބޮޑުބައި ނިމިފައި ކަމަށް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.

ނެޝަނަލް ހެލްތު ލެބޯޓަރީގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ދެނެގަތުމަށް ކުރަންޖެހޭ ކެމިކަލް އަދި މައިކްރޯބައޮލޮޖިކަލް ތަހުލީލުތައް ކުރުމާއި، ލެބޯޓަރީގައި ކުރާ ޓެސްޓްތަކަކީ ބައިނަލް އަޤްވާމީ ފެންވަރުގެ ޓެސްޓްތަކެއް ކަމުގައި ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖޭގެ މަސްވެރިކަމާއި، ޓޫރިޒަމް އިންޑަސްޓްރީ އަދި މި ނޫން ވެސް އެކި މުއައްސަސާތަކުގެ ބޭނުން ތަކަށް ކުރަންޖެހޭ ތަޙުލީލުތައް ކުރުން ހިމެނެއެވެ.

މިހާރު ގައުމީ ލެބޯޓަރީ ހިންގަނީ ސިއްހީ ވުޒާރާ ހިނގަމުންދާ އިމާރާތުގައިކަ މަށާއި އެ އިމާރާތަކީ އެފަދަ ތަނެއް ހިންގުމަށް ޖާގައިގެ ގޮތުންނާއި އެހެނިހެން ގޮތްތަކުން ވެސް އެންމެ އެކަށީގެންވާ އިމާރާތެއް ނޫން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެމްއެފްޑީއޭއަށް މި އަހަރާއި އަންނަ އަހަރު ގެނެވޭ އެންމެ ބޮޑު ކުރިއެރުމަކީ ގައުމީ ސިއްހީ ލެބޯޓަރީ ގާއިމުމްކުރުމުގެ މަސައްކަތް ކަމަށެވެ،

މިނިސްޓަރ ވިދާޅުވީ ނެޝަނަލް ހެލްތު ލެބޯޓަރީ އިމާރާތްކުރަނީ ނުވަ ފަންގިފިލާއަށް ކަމަށެވެ. އަދި ޖާގަ ތަނަވަސް އެ ލެބޯޓަރީން ދޭވޭނެ ހިދުމަތްތަކުގެ ތެރޭގައި ވައިރޮލޮޖީ ރިސްކު ލެވެލް 2އަދި 3ގެ ވައިރަސްތައް ތަހުލީލުކުރުމާއި، ބެކްޓޮރޮލޮޖީގެ ދާއިރާއިން ބެކްޓީރީއާއި ގުޅުން ހުރި ތަހުލީލުތައް ކުރުމުގެ އިތުރުން ކާބޯތަކެއްޗާއި ބޭސް ތަހުލީލު ކުރުމުގެ މަސައްކަތް އިތުރަށް ފުޅާވެންދަނެ ކަމަށް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!