ޚަބަރު

ބަންޑާރަ މިސްކިތް ތަޅާލަނީ އާސާރީ މިސްކިތްތަކުގެ ލިސްޓުގައި ނެތުމުން: ޝަހީމް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މާލޭގައި ހުންނަ މަސްޖިދުލްސުލްތާން މުހައްމަދު ޝަމްޝުއްދީން ނުވަތަ ބަންޑާރަ މިސްކިތް ތަޅާލަން ނިންމާފައި ވަނީ އެތަނަކީ ރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ލިސްޓުގައި ހިމެނޭ ތަނަކަށް ނުވާތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Allied

ޝަހީމް އިއްޔެ ވަނީ ބަންޑާރަ މިސްކިތް ތަޅާލައި، އެތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ރޯދަ މަސް ނިމުމުން ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަށް ބޭނުންވާ ދީލަތި އެހީވެސް ލިބިފައިވާ ކަމަށާއި، އެއާ އެކު މާލޭގައި ހުރި ހުރިހާ މިސްކިތެއް އާވެގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެގޮތުން ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެފައި ވަނީ 98އަހަރުވެފައިވާ އެ މިސްކިތަކީ ރާއްޖޭގެ މުހިންމު ދީނީ، ތާރީހީ އަދި ސަގާފީ ބިނާއެއް ކަމަށެވެ. އެފަދަ ތަންތަން ހިމާޔަތް ކުރުމަށް ގާނޫނެއް ވެސް ތަސްދީގު ކޮށްފައިވާނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

އެ ނޫނަސް ތާރީހަށް ލޯބިކުރައްވާ ފަރާތްތަކުން ވެސް ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ.

ނަމަވެސް ޝަހީމް ވިދާޅުވީ އެ މިސްކިތަކީ އެއްވެސް ސަރުކާރަކުން އާސާރީ ތަރިކައެއްގެ ގޮތުގައި ކަނޑައަޅާފައިވާ މިސްކިތެއް ނޫން ކަމަށެވެ.

"ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ތެރޭގައި ހިމަނާފައި އޮންނަ މިސްކިތެއް ނޫންވީމާ އެތަނުގައި ބޮޑު މިސްކިތެއް ބިނާކުރަން ގަސްތުކުރީ. މިނިސްޓްރީން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހާފައި،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވެފައި ވަނީ އެކަމާ ގުޅިގެން ރައްޔިތުން އަދި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

  1. އަނީސް

    އެ މިސްކިތުގެ ބައެއް ތަނބުތައްވެސް އެ ހުރީ ފަޅައިގެންގޮސް. އާކޮއްލުމަކުން ގޯހެއްނެއް.