ނުފުރިތިބި 164 އުމްރާވެރިން މިރޭ ފުރުވާލަނީ
ނުފުރިތިބި 164އުމްރާވެރިން މިރޭ ފުރުވާލެވޭ ގޮތްވެއްޖެއެވެ.
މެދު އިރުމަތީގެ ހާލަތު ގޯސްވެ ފްލައިޓްތައް ކެންސަލްވުން ފަދަ އެކި ސަބަބުތަކާ ހުރެ ގިނަ އަދަދެއްގެ އުމްރާވެރިންނަށް ނުފުރިގެން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ވިދާޅުވީ 164އުމްރާވެރިން މިރޭ ފުރުވާލަން ހައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްފައިވާ ކަމަށެވެ.
އުމްރާވެރިންނަށް މައްކާގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މި ފުރުޞަތުގައި ހައްޖު ކޯޕަރޭޝަނަންއާއި މޯލްޑިވިއަންނަށް ޝުކުރު ދަންނަވަން. އަދި ރައީސް ޑރ މުހައްމަދު މުއިއްޒު މިކަން ހައްލު ކުރެއްވުމަށް ދެއްވި އަހައްމިއްޔަތަށް ޓަކައި ރައީސްއަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން." މިނިސްޓަރު ވިދާޅުވިއެެވެ.
މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކުން އަދި އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް މިހާރު ގޮސްފައިވާ ފަރާތްތަކުން ދަތުރުފަތުރުގެ އެންމެހާ ކަންކަމުގައި އިތުރަށް ސަމާލުވެ ތިބުމަށް ވެސް މިނިސްޓްރީން ކުރިން އިލްތިމާސްކޮށްފައިވެއެެވެ.