އޮފީސްތަކުގެ ޤުރުއާން މުބާރާތުން އެއްވަނަ އެމްއެންޑީއެފްއަށް
އޮފީސްތަކުގެ ޤުރުއާން މުބާރާތުން އެއްވަނަ އެމްއެންޑީއެފް ހޯދައިފިއެވެ.
އޮފީސްތަކާއި ކުންފުނިތަކުގެ ބައިން ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އަންހެން ކެޓަގަރީން އެއްވަނަ ހާސިލުކުރީ އެމްއެންޑީއެފްގެ ރަނާ އިބްރާހިމްއެވެ. އަދި ފިރިހެން ކެޓަގަރީއިން ކަސްޓަމްސްގެ ޔައީޝް މުހައްމަދު ނިޔާޒްއެވެ.
އޮފީސްތަކާއި ކުންފުނިތަކުގެ ބައިވެރިންގެ ތެރެއިން ނުބަލާ ކިޔެވުމުގެ ބައިން ފިރިހެން ކެޓަގަރީން އެއްވަނަ ހޯދާފައިވަނީ ކެޕިޓަލް މާކެޓް ޑިވޮލޮޕްމަންޓް އޮތޯރިޓީގެ މުހައްމަދު ޝަފްއާން ސުލައިމާންއެވެ.
2016ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްްޓްރީން ބާއްވަމުން ގެންދާ، މި މުބާރާތް މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުންނެވެ.
21 އިދާރާއަކުން 71ބައިވެރިންނާ އެކު އޮފީސްތަކުގެ ޤުރުއާން މުބާރާތް ފެށީ މިދިޔަ މަހުގެ 22ވަނަ ދުވަހުއެވެ.
އޮފީސްތަކުގެ ޤުރުއާން މުބާރާތަކީ، އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ވާދަވެރި މާހައުލެއްގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖެއްސުމަށް ހިތްވަރު ދިނުމުގެ ގޮތުން، ބާއްވަމުން އަންނަ މުބާރާތެކެވެ.
މި ރޯދަމަހު އިސްލާމިކް މިނިސްޓްރީން ދީނީ ގިނަ ޕްރޮގްރާމްތަކެއް ދަނީ ހިންގަމުންނެވެ.