ދެ އިންތިހާބު އެއްކޮށްލުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް: ގާސިމް
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް މަޖިލީހުން ބިލު ފާސްކުރި ފަހުން އެ ބިލު ތަސްދީގު ވެސް ކޮށްފައިވާ އިރު ދެން އޮތީ އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. އެ ވޯޓު ނަގާނީ އަންނަ މަހު ހަތަރެއްގައި ބައްވާ ލޯކަލް ކައުންސިލް އިންތިހާބާއެކުއެވެ.
އެ ވޯޓު ނަގަން ކުޑަތަންވަމުން އަންނައިރު ގާސިމް އެކްސްގައި ވިދާޅުވީ 2008ގެ ރިޔާސީ އިންތިހާބަށް ފަހު، ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ، ކޮންމެހެން ވެސް ކުރަންޖެހޭކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވީ ވެރިކަމަށް އައުމަށް ފަހު ކޮންމެ ސަރުކާރަކުން ވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާކަމީ ހަގީގަތެއް ކަމަށާއި 2019އަދި 2023ގެ އިންތިހާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވާ ކަމަށެވެ.
އެހެންކަމުން މިހާރު މިއޮތް ގޮތުން ރައްޔިތުން 5އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބު ކުރާފަރާތަށް ޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯދަން ވެރިކަމުގެ ފުރަތަމަ 6މަސްދުވަސް އެކަމުގައި ހޭދަކުރަން ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަދި މީގެ އިތުރުން މަޖިލީހުގެ އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލާ، ރައީސްއަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަން ވެސް ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައިވެއެވެ." ގާސިމް ވިދާޅުވިއެވެ.
އެހެން ކަމުން ގައުމުގެ ސިޔާސީ ހަމަޖެހުމަށް ޓަކައި ވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއްކަމަށާއި އަންނަ މަހު ބައްވާ އިންތިހާބުގައި ނަގާ ވޯޓުގައި ދެ އިންތިހާބު އެއްކޮށްލަން ވޯޓު ދޭން ގާސިމް ރައްޔިތުންނަށް އިލްތިމާސް ވެސް ކުރެއްވިއެވެ.
"އެހެނީ ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ވޯޓު އޮންނަ ދުވަހު، މަޖިލީސް އިންތިހާބު ބޭއްވުމުން ފައިދާބޮޑީ ހުރިހާގޮތަކުން ވެސް ރައްޔިތުންނަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން 120މިލިއަންއަށް ވުރެ ގިނަ ފައިސާ ސަލާމަތްކުރެވުމާއި، އެފައިސާ ރައްޔިތުންގެ އެހެންބޭނުންތަކަށް ބޭނުންކުރުމަށް ފުރުޞަތު ލިބިގެންދިއުމާއި، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާ ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި، އިންތިހާބާއި ގުޅުން ހުންނަ ކަމަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތު ތައް ވެސް މިކަމުގެ ސަބަބުން ކުޑަވެގެންދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ." ގާސިމް ވިދާޅުވިއެވެ.