ފަހުވަގުތު އުމްރާ ދަތުރު ކެންސަލްކުރި އަބްރާރު ގްރޫޕްގެ މައްސަލަ ފުލުހުން ބަލަނީ
ފަހުވަގުތު އުމްރާ ދަތުރު ކެންސަލްކުރި އަބްރާރު ގްރޫޕްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ރޯދައިގެ ފަހު 10ގައި 110މީހުން އުމްރާއަށް ގެންދިއުމަށް ފަހު އަބްރާރު ގްރޫޕްއިން ދަތުރު ކެންސަލްކުރީ އެންމެ ފަހު ވަގުތުއެވެ. އެ މައްސަލައިގައި އެ ގްރޫޕަށް ދީފައިވާ ހުއްދަވެސް ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާ އިރު އިސްލާމިކް މިނިސްޓްރީން ބުނީ ދަތުރު ކެންސަލްކުރީ މަގުބޫލު ސަބަބެއް ވެސް ނެތި ކަމަށެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
އެހެންވެ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކި ސަބަބުތަކާ ގުޅިގެން ނުފުރި ތިބި 164އުމްރާވެރިން ރޭ ފަހުން އުމްރާއަށް ފުރުވާލީ ހައްޖު ކޯޕަރޭޝަންއިން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްގެންނެވެ.