ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްތައް ފެށިއްޖެ
އަހަރުތެރޭގައި ރާއްޖެއަށް އަންނާނެ އެންމެ ހޫނުގަދަ ދުވަސްތައް ފެށިއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނީ މާޗް އަދި އޭޕްރީލް މަހަކީ އަހަރުތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރު ކަމަށެވެ.
މި ދުވަސްވަރު ވިލާ މަދުވެފައި، ވައި މަޑުވެ، އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓައެވެ. މިހެންވުމުން އާންމު ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވެގެންދާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
"އޭޕްރީލް މަހަށް ލަފާކުރެވޭ ގޮތުންވެސް އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން މަތިވުމުގެ ފުރުސަތު ބޮޑުކަމަށް ދައްކައެވެ." މެޓުން ބުންޏެވެ.
މެޓް އޮފީހުން އާންމު ކޮށްފައިވާ ގޮތުގައި އެންމެ ހޫނުމިން ގަދަކޮށް ހުރީ ހުޅުލެ ސަރަހައްދުގައެވެ. އެ ސަރަހައްދުގެ އާންމު ފިނިހޫނުމިން 31.5ޑިގްރީގައި ހުރިނަމަވެސް އިހުސާސް ކުރެވޭ ހޫނުމިން ހުރީ 36.3ޑިގްރީގައެވެ. އެހެން ސަރަހައްދުތަކުގެ ހޫނުމިންވެސް މައްޗެވެ.