ޚަބަރު

ރާއްޖޭގެ ވައިގެ ސަރަހައްދު ހަނގުރާމައަށް ބޭނުންކުރަން އެދުނު، ހުއްދައެއް ނުދެން: ހަލީލް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް/ ފޮޓޯ: މިނިސްޓްރީ

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނު ނަމަވެސް، އެއްވެސް ގައުމަކަށް އެކަން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.

Ads by Allied

ހަލީލް އެފަދައިން ވިދާޅުވީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާއަކާ ގުޅިގެން ފެށުނު ހަނގުރާމައާ ގުޅިގެން ދިވެހިންގެ ކަންކަން ބެލެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލި މިނިސްޓަރުން ހާއްސަ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ހަލީލްވިދާޅުވީ، ހަނގުރާމަ ކުރުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމަށް ގައުމުތަކުން އެދެމުންދާ ކަމަށެވެ.

"ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެކަން އަޅުގަނޑު ހަމަ ދަންނަވާލަން. އަދި އެފަދަ އަންނަ ރިކުއެސްޓްތައް ވެސް އަޅުގަނޑުމެން ރިޖެކްޓް ކުރަމުންދާކަން ތިބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން،" ހަލީލް ވިދާޅުވިއެވެ.

އިތުރަށް ހަލީލް ވިދާޅުވެފައިވަނީ މެދުއިރުމަތީގައި މިވަގުތު ތިބި ދިވެހިންގެ ހާލު ބަލަމުންދާ ކަމަށާއި އެހީތެރިކަންވެސް ފޯރުކޮށްދެމުންދާ ކަމަށެވެ.

މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރު އެކީގައިހެން ހުއްޓި، މުދާ އުފުލުމުގެ ވިއުގަތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. އެހެންވުމުގެ ސަބަބުން ތަކެތީގެ އަގުތައްވެސް ދަނީ އުފުލެމުންނެވެ.