ހަނގުރާމައަށް ހަ ގަޑިއިރު ތެރޭ ފެށި މަސައްކަތުން އަމާން ބަނދަރަށް
އެމެރިކާއާއި އިސްރާއިލުން އީރާނަށް ހަމަލާ ދިނުން ވަނީ ގަލްފް ހަނގުރާމައަށް ފަހު މެދުއިރުމަތީގައި ފެށިގެން ދިޔަ އެންމެ ބޮޑު ނުތަނަވަސް ކަމަށެވެ. ތެލުގެ މުއްސނަދި އަދި ތެލުގެ މައިމަގުތައް ހުރި މި ސަރަހައްދުގައި ހަނގުރާމަ ފެށުމާ އެކު އެންމެ ފުރަތަމަ ދަތިވެގެން ދިޔައީ ހަކަތަކަށެވެ. އީރާން ހިމެނޭ ސަރަހައްދުގައި އޮންނަ ހޮރުމޫޒް ކަނޑުއޮޅި ބަންދު ކުރުމާ އެކު ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް ގަލްފުން ގެންދާ ތެޔޮ ހުއްޓުނެވެ، ނަތީޖާއަކީ ގިނަ ގައުމުތައް ހަކަތައަށް ޖެހުމެވެ. ރާއްޖެ ވަށައިގެންވާ ގައުމުތަކަށް ބަލާއިރު ލަންކާ އޮތީ އެ ހާލުގައެވެ. ޕާކިސްތާނު ވަނީ އޮފީސްތައް ބަންދުކޮށް ތެޔޮ ސޭވް ކުރުމުގެ ފިޔަވަޅު އަޅާފައެވެ. އިންޑިއާ އޮތީ ކައްކާ ގޭހަށް ޖެހިފައެވެ. ރައްޔިތުން ގޭސް ފުޅިތައް ހިފައިގެން އެ ތިބީ މަގުމަތީގައެވެ. ނަމަވެސް ރާއްޖެ އެ ހާލަތަށް ދިޔަ ނުދޭން ސަރުކާރުން ވަނީ ކުރިއާލައި ފިޔަވަޅުތަކެއް އަޅާފައެވެ. ސަރުކާރުން ކުރި މަަަސައްކަތުން މިވަނީ ރާއްޖެ އަމާން އައްސޭރިއަކަށް ދަތުރުކޮށްފައެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވި ގޮތުގައި މި ހަނގުރާމަ ފެށުނުތާ 6ގަޑިއިރު ތެރޭ ރައީސް ވަނީ ކޮމެޓީއެއް ނަގައިގެން މަސައްކަތް ފަށާފައެވެ. މިގޮތުން މި ކޮމެޓީގެ އެންމެ ފުރަތަމަ އިސްކަމަކަށްވީ ރާއްޖެއަށް ބޭނުންވާ ހަކަތައާއި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރު ކުރުމެވެ.
"ރާއްޖޭގެ އިގްތިސޯދަށް މިހާލަތުގައި ދިމާވެދާނެ ގޮންޖެހުންތައް މި ކޮމެޓީން އަދި އިތުރު ޓެކްނިކަލް ފަރާތްތަކާ އެކު މިދަނީ ވަރަށް ގާތުން ބަލަމުން. މި ދިރާސާތަކުގެ މައްޗަށް ބިނާކޮށް އަޅަން ޖެހޭ ފިޔަވަޅުތަކެއް މިދަނީ އަޅަމުން،" ހަލީލް ވިދާޅުވިއެވެ.
ހަނގުރާމަ ކުރަން ރާއްޖޭގެ ވައިގެ ސަރަހައްދު ނުދިނުން
މި ފިޔަވަޅުގެ ދަށުން މި ހަނގުރާމަ ކުރިއަށް ގެންދިއުމަށް އެއްވެސް ގައުމަކަށް ހަަމަލާ ދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ނުދިނުން ހިމެނެއެވެ. މިއީ ގައުމީ މަސްލަތަހު ހިމާޔަތް ކުރަން ސަރުކާރުން އެޅި ފިޔަވަޅެކެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވި ގޮތުގައި އެއްވެސް ގައުމަކަށް އެހެން ގައުމަކަށް ހަމަލާދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު ނުދޭނެކަމަށް ހަލީލް ވިދާޅުވިއެވެ.
"ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެ ކަން އަޅުގަނޑު ހަމަ ދަންނަވާލަން. އަދި އެފަދަ އަންނަ ރިކުއެސްޓުތައް ވެސް އަޅުގަނޑުމެން ރިޖެކްޓު ކުރަމުންދާ ކަން ތިބޭފުޅުންގެ މައުލޫމާތަށްޓަކާ ދަންނަވާލަން،" އޭނާ ޔަގީންކަން ދެއްވިއެވެ.
ރާއްޖެއަށް ކާބޯތި ލިބޭނެ މަގު ހަރުދަނާ ކުރުން
ސަރުކާރުން ވަނީ ސަޕްލައި ޗެއިންއަށް އަންނަ ލޮޅުމަކުން ގައުމު ސަލާމަތް ކުރަން ފިޔަވަޅު އަޅާފައެވެ. މިގޮތުން ތެލާއި ކާބޯތަކެތީގެ ރޫޓްތައް ބަންދުވެއްޖެ ނަމަ މި ތަކެތި ގެނެވޭނެ އިތުރު މަގުތަކެއް ވަނީ ހޯދާފައެވެ. އަދި ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ހުއްޓުމެއް ނެތި ގެނެވޭނެކަން ވަނީ ޔަގީންކޮށްފައެވެ. މީގެ އިތުރުން އިމަޖެންސީގައި ތަކެތި ގެންނަން ހާއްސަކޮށް އެއާކާގޯގެ ވަސީލަތް ގާއިމްކޮށްފައިވެއެވެ. އަދި ތެޔޮ ގެނައުމުގެ ރޫޓުތައް ޑައިވާސިފައިކުރަން ވަނީ މަސައްކަތް ފަށާފައެވެ.
ޒަރޫރީ ކާބޯތަކެތި އެހެން މާކެޓުތަކުން އިމްޕޯޓް ކުރުން
ޒަރޫރީ ކާބޯތަކެތި މިހާރު ގެންނަ މަގުތައް ނޫން އެހެން މަގުތަކުން ގެންނަން ދޭދޭ ގައުމުތަކާ އެކު ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެއްގަމު އަދި ކަނޑުގެ މަގުތައް ހުޅުވާލުން ވެސް ހިމެނެއެވެ. މީގެ އިތުރުން ނޭޝަނަލް ސްޓޯރޭޖް އިތުރު ކުރަން ވަނީ މަސައްކަތް ފަށާފައެވެ.
އިގްތިސޯދު ހިމާޔަތް ކުރަން ފިޔަވަޅު
ރާއްޖެއަށް ޓޫރިސްޓުން އަންނަ މައިގަނޑު ސަރަހައްދުތަކަށް ޓޫރިސްޓުން މިހާރު ނުގެނެވެއެވެ، ސަބަބަކީ މެދުއިރުމަތީގެ ޓްރާންސިޓް ހަބްތައް ބަންދުކުރުމެވެ. އެހެންވެ މި ހަނގުރާމަ ނުހިނގާ ރަޝިއާ އަދި ޗައިނާ އަދި އެފްރިކާގެ މަންޒިލްތައް ހުޅުވާލަން ވަނީ މަސައްކަތް ފަށާފައެވެ. އަދި އާ އެއާލައިންތަކާ ވާހަކަ ދެއްކުމާއެކު ގައުމީ އެއާލައިންގެ ދަތުރުތައް އިތުރު ކުރުން ވެސް ހިމެނެއެވެ.
ރިޒާވް ހިމާޔަތަށް އޯޕެކުން 100މިލިއަން ޑޮލަރު
މީގެ އިތުރުން މެދުއިރުމަތީގައި ހިނގާ ހަނގުރާމަ އާ ގުޅިގެން ރާއްޖެއަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް އޯޕެކް ފަންޑުން 10މިލިއަން ޑޮލަރު (1.54 ބިލިއަން ރުފިޔާ)ވަނީ ހޯދާފައެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިޒްރޭލާއި އެމެރިކާއިން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވުމާއި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެގޮތުން ހަނގުރާމަ މަހެއްހާ ދުވަހަށް ދެމިގެން ގޮސްފި ނަމަ 85މިލިއަން ޑޮލަރާއި 100މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ކަންކަން ފޫބައްދައި ރާއްޖޭގެ ރިޒާވް ރަނގަޅު ލެވަލެއްގައި ހިފަހައްޓަން ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި އެގޮތުން ބޭރުގެ ދެ އެޖަންސީއެއް މެދުވެރިކޮށް ރިޒާވަށް 100މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޒަމީރު ވިދާޅުވިއެވެ.
"އެ މަސައްކަތް ކޮށްގެން އިއްޔެ އާ ހިސާބަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައި އެބައޮތް." މިނިސްޓަރު ވިދާޅުވިއެވެ. "އެއީ 100ޑޮލަރަަށް ލިބޭ ތެޔޮ 150އަށް ބޮޑުވީމަ އެ ބައި ފައިނޭންސް ކުރުމަށް ހަމަޖައްސާ ފެސިލިޓީއެއް." ޒަމީރު ވިދާޅުވިއެވެ.
މި ފިޔަަވަޅުތަކާއެކު ރާއްޖެ މިއޮތީ ހަމަޖެހިލައިގެން ވަމުންދާ ގޮތް ބަލަން ސަމާލުވެއެވެ. ދިވެހި ސަރުކާރު މިފަހަރު ފެނިގެން މިދަނީ ޕްރޯއެކްޓިކްކޮށް ދުރާލާ މަސައްކަތް ފެށިތަނެވެ. މި މަސައްކަތުގެ ނަތީޖާއަކީ ހަކަތަ އާއި ކާބޯތަކެތީގެ ސަޕްލައިގެ ޔަގީންކަން ރާއްޖޭން ހޯދުމެވެ. ހަގީގަތުގައި ވެސް ރާއްޖެއަކީ އިންވެސްޓަރުންނަށް ރައްކާތެރި ގައުމެއްކަން ކަށަވަރު ކުރުމެވެ.

