ސަލްޓަންޕާކު ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި
ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ގައުމީ ދިފާއީ ބާރުން ކުރަމުންގެންދާ މަސައްކަތްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ސަލްޓަން ޕާކަށް މިއަދު މެންދުރު ކުރެއްވި މި ޒިޔާރަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ބެއްލެވުމުގެ ދަށުން ތަރައްގީ ކުރަމުންގެންދަވާ ސަލްޓަން ޕާކުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ގާއިމުކުރާ އެކިއެކި ވަސީލަތްތަކުގެ މައުލޫމާތު ސާފުކުރައްވައި، ޕާކު ތަރައްގީ ކުރުމުގައި އަމަލީގޮތުން މިހާރު ކުރެވިފައިހުރި މަސައްކަތްތައް ވަޒަންކުރެއްވިއެވެ.
އޭގެ އިތުރުން ރައީސް ވަނީ މިއަދު ފާހަގަކުރާ ބަރަކާތްތެރި ފިތުރު ޢީދުގެ މުނާސަބަތުގައި ގައުމީ ދިފާއީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދާ "އީދު ހަވީރު 1447"ގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން މިއަދު ހަވީރު ސަލްޓަން ޕާކު ހިމެނޭހެން އެ ސަރަހައްދުގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމަވާފައިވާ އެކިއެކި ހަރަކާތްތަކުގެ މައުލޫމާތު ވެސް އޮޅުންފިލުވާފައެވެ.
އެގޮތުން ރައީސްގެ އެ ޒިޔާރަތުގައި، ސަލްޓަން ޕާކު ތެރޭގައި ގާއިމުކޮށްފައިވާ އޯވަރހެޑް އޮބްސްޓެކްލް ކޯރސްގެ އިތުރުން ޝޫޓިން ރޭންޖާއި ސަލްޓަން ޕާކް ސަރަހައްދުގައި ގާއިމުކޮށްފައިވާ ސްޓޯލްތައް ތައްޔާރުކުރުމުގެ އެންމެފަހުގެ މަސައްކަތްތައް ބައްލަވާލެއްވިއެވެ.
ޒަމާންތަކަކަށް އަޅާނުލެވި ވީރާނާވަމުންދިޔަ ސަލްޓަން ޕާކު އަލުން ތަރައްގީކުރެވިގެންދާއިރު ސަލްޓަން ޕާކުގެ ވިންޓަރ ޕާކު ހުރި ސަރަހައްދުގައި އީ-ގޭމިންގ މަރުކަޒެއްވެސް ގާއިމުކުރެވިގެންދާނެއެވެ.