އަންހެނުންގެ ރައްކާތެރިކަމާއި ހަމަހަމަ ފުރުސަތުތަކާއި ފެނުގެ ރައްކާތެރިކަން ވަކިނުކުރެވޭނެ: ރައީސް
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ރައްކާތެރި، އިތުބާރު ހުރި، އަދި ސާފު، އަގުހެޔޮ ބޯފެން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި، ފެނުގެ ރައްކާތެރިކަމަކީ އަންހެނުންނާއި އަންހެން ކުދިންގެ ކަރާމާތާއި ރައްކާތެރިކަމާއި ހަމަހަމަ ފުރުސަތުތަކާއި ވަކިނުކުރެވޭނެ ކަމެއްކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު މިއަދު ފޮނުއްވި މެސެޖުގައި މައިގަނޑުގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ ފެނާގުޅުންހުރި ކަންކަމުގައި އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށެވެ. ރައްޔިތުން ބާރުވެރިވުމަކީ ރައްކާތެރި، ވިލުންވެރި އަދި ރަށްރަށް ތަރައްގީވެ ކުރިއަރައި ދިއުމުގައި އެންމެ މުހިންމު މައިގަނޑު އަސާސް ކަމަށާއި، އަދި، ސާފު ބޯފެން ކަަށަވަރުވުމަކީ ހަމަހަމަކަން ކަށަވަރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ރާއްޖެއަކީ ވަށައިގެން ކަނޑުއޮތް ގައުމަކަށްވުމުން، ސާފު، ރައްކާތެރި ބޯފެން ކަށަވަރުކުރުމަކީ ގައުމީ ފެންވަރުގައި އިސްކަން ދެއްވާ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި، މޫސުމީ ބަދަލުތަކާއި ފެނުގެ ސަޕްލައިގައި މައްސަލަޖެހުމުގެ ސަބަބުން ފެން ދަތިވާ ހާލަތްތަކުގައި އެމައްސަލައަށް ހައްލު ހޯދުމުގައި އަންހެނުންނާއި އަންހެންކުދިން އުފުލަންޖެހޭ ބުރައަކީ ވަރަށްބޮޑު ބުރައެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފެން ރައްކާތެރިކުރުމަށް މިހާރު އެކުލަވާލާފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމާއި، ފެން ފަށަލަ ރައްކާތެރިކުރުމާއި، ވާރޭފެން ރައްކާކުރުމަށް ކޮމިއުނިޓީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ވިލުންވެރި ނިޒާމުގެ މައްޗަށް މިމެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާފައިވެއެވެ. އެގޮތުން، އެފަދަ ދާއިރާތަކުން ފަންނީ ގާބިލިއްޔަތު އިތުރުކުރުމާއި، ކްލައިމެޓް ފައިނޭންސިން ކަށަވަރުކުރުމާއި، ބޯފެން ލޮނުވުުމުގެ ހާދިސާތަކުގައި އަމަލުކުރާނޭ ކުއްލި ހާލަތްތަކާއި ގަވާއިދުތަކުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ސާފު ފެން ރައްކާތެރިކުރުމާއި، ރައްޔިތުން ބާރުވެރިކުރުމާއި، ފެނުގެ ނިޒާމުތައް ހަރުދަނާ ކުރުމަށް ޖަމާއަތްތަކާއި، މަދަނީ ޖަމިއްޔާތަކާއި، ޔޫޓިލިޓީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، ތަރައްގީގެ ބައިވެރިން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވަމުންނެވެ. އަދި، ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމު ކަށަވަރުވުމަކީ ހުރިހާ ދިވެހިންނަށް ރައްކާތެރި، ހަމަހަމަ، ކުރިމަގެއް ކަށަވަރުވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާރިޗް މަހުގެ 22ވަނަ ދުވަހުގައެވެ. މިއަހަރުގެ ޝިޢާރަކީ "ފެން އަދި މިންތި"އެވެ.