ޚަބަރު

400 އަކަފޫޓަށް ވުރެ ކުޑަ ބިން އާއިލާ މީހަކަށް ދެވޭ ގޮތަށް ބަދަލުކުރަނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --

ސަރުކާރުން ދޫކުރާ ބޯހިޔާވަހިކަމެއް ލިބޭ ހާލަތުގައި، އެމީހާގެ ނަމުގައި އޮންނަ 400އަކަފޫޓަށް ވުރެ ކުޑަ ބިން ދައުލަތަށް ދޫކޮށްލުމުގެ ބަދަލުގައި އާއިލާގެ އެހެން މީހަކަށް ދެވޭ ގޮތަށް އުސޫލު ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Allied

މިހާރު އުސޫލުގައި އޮންނަނީ ސަރުކާރުން ދޫކުރާ ފްލެޓެއް ނުވަތަ ގޯއްޗެއް ލިބޭ ހާލަތެއްގައި، އެމީހެއްގެ ނަމުގައި 400އަކަފޫޓަށް ވުރެ ކުޑަ ބިންކޮޅެއް އޮވެއްޖެނަމަ ދައުލަތަށް ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނަމަވެސް އާ ބަދަލާއެކު އެ ބިންކޮޅު އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިން ނުވަތަ އެއްބަނޑުއެއްބަފާ މީހަކަށް ދެވިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ތެރެއިން ބިން ދޫކޮށްލަން ޖެހޭ މީހުންނަށްވެސް އެއުސޫލުގެ ދަށުން އާއިލާގެ މީހަކަށް އެ ބިން ދެވޭނެ ކަމަށެވެ.

އެގޮތަށް ބަދަލުކުރީ ރައީސް ވިދާޅުވި ގޮތުގައި ބިމަށް ލޯނު ނަގައިގެން އިންވެސްޓްކޮށް، އެތަން ހަދާނަމަ އެކިކަހަލަ ތަކުލީފުތަކާ އެކު ހަދާފައިވުން ފަދަ ސަބުބަތަކާ ގުޅިގެން ކަމަށެވެ. މިހެން ހެދުމުން އެމީހެއްގެ އާއިލާތެރޭގައި އެ ބިން އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އުސޫލަށް ބަދަލު ގެނައުމަށްފަހު މިއަދު ނޫނީ މާދަމާ ގެޒެޓްކުރާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރަށް ދޫކޮށްލަންޖެހޭނެ ކަމަށް ހަމައެކަނި ޝަރުތުކުރަނީ ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން ލިބިފައިވާ ފްލެޓެއް ދޫކޮށްލާ ހަލާތުގައިކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!