ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.
އެ ކޮމިޓީން އިނާމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލީ މިއަދުން ފެށިގެން އަންނަ މަހުގެ މަހުގެ 30އާ ހަމައަށެވެ.
ރައީސް އޮފީހުން ބުނީ އިނާމަށް ނަން ހުށަހެޅޭނީ ހަމައެކަނި ރައީސް އޮފީހުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ގައުމީ އިނާމަށް މިއަހަރުވެސް ހުޅުވާލީ މައިގަނޑު 39ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ގައުމީ އިނާމަށް ނަން ހުށަހެޅުމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާއަތް ފަދަ ތަންތަނުންނާއި ވިޔަފާރިތަކުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭނެއެވެ.
ގައުމީ އިނާމު ދިނުމުގައި ވަކި ފަރުދުންގެ ހިދުމަތުގެ މުއްދަތު ގުނުމަށް ހަމަޖެހިފައިވަނީ، އެ މީހެއްގެ އުމުރުން18 އަހަރު ފުރުމަށްފަހުގައި ކުރާ ހިދުމަތަށެވެ. ގައުމީ އިނާމުގައި ހިމެނެނީ ދެ ގިންތިއެކެވެ. އެއީ، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ.
ގައުމީ އިނާމު ދޭނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.