ގާސިމްގެ ތާއިދު މޫސާ ޖަލީލުއަށް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވެރިކަންކުރާ ޕީއެންސީގެ ކެނޑިޑޭޓް މޫސާ ޖަލީލަށް ތާއިދުއޮތްކަން މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ހާމަކުރައްވައިފިއެވެ.
މޫސާ ޖަލީލުއަށް ތާއިދު އޮތްކަން ހާމަކުރައްވައި ގާސިމް އެކްސްގައި މިއަދު ވިދާޅުވީ މޫސާ ޖަލީލަކީ، ގައުމީ ހިދުމަތުގެ ފަހުރުވެރި ރެކޯޑްތަކެއް އޮތް އަދި ގައުމަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބަތަލެއް ކަމަށެވެ.
އެގޮތުން މޫސާ ޖަލީލުއަކީ ގައުމީ ޝަރަފް އަރުވާފައިވާ، ނިޝާން ޢަސްކަރީގެ އިއްޒަތުގެ ވެރިއެއް ކަމަށާއި ހަމައެކަނި ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ގައުމަށް ކުރިމަތިވި އުދުވާނީ ހަމަލާއިން ގައުމު ސަލާމަތްކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް އޭނާގެ ގަދަފަދަ ގައުމީ އަޒުމް ސާބިތުކޮށްދޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
އަދި އެއިރުއްސުރެ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ހުންނެވީ އަބަދުވެސް ގައުމަށްޓަކައި ތައްޔާރަށް ކަމަށާއި ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އޭނާ އަދާކުރެއްވީ ތެދުވެރިކަމާއެކު ކަމަށާއި އޭނާގެ ފަސްބައިގާ ކިލަނބުކަމެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތް. ނުހަނު ހުލްގު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަހުސިއްޔަތެއް. މިހުރިހާ ހަގީގަތްތަކެއް މިހެން ހުރީތީވެ، ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަގާމަށް މޫސާ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެެރި، ހިދުމަތްތެރި، ގާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީން."ގާސިމް ވިދާޅުވިއެވެ.
އެހެންވެ މާލޭގެ މޭޔަރުކަމަށް މޫސާ ޖަލީލު އިންތިހާބުކުރަން ވޯޓު ދިނުމަށް ގާސިމް ގޮވާލެއްވިއެވެ.