ސަރުކާރުގެ ތެލުގެ ޔަގީންކަން : އިގްތިސޯދުގައި ލޭ ހިނގަނީ އެހެންވެ
މެދުއިރުމަތީގައި ހިނގަމުންދާ ތަޅާފޮޅުންތަކާއެކު ދުނިޔޭގެ ގިނަ ގައުމުތައް އެތިބީ ތެލަށް ތާށިވެފައެވެ. ގޭހަށް ޖެހިފައެވެ. ރާއްޖެ ވަށައިގެންވާ ގައުމުތަކަށް ބަލާއިރު ވެސް ފެންނަނީ އެ މަންޒަރެވެ. ދުރުންވެސް އޮތީ އެކަމެވެ. އެހެންވެ މި ހާލަތު އައުމާއެކު ސަރުކާރުން އެންމެ ފުރަތަމަ ތައްޔާރުވީ އެކަން ޔަގީން ކުރުމަށެވެ. މި ހާލަތުގައި ސަރުކާރުން ނެގި ސްޓޭންޑްގެ މައިގަނޑު ސަބަބަކީވެސް މިއެވެ. އެ ސްޓޭންޑާއެކު ޔަގީންކުރީ ރާއްޖެއަށް ގޭހާއި ތެޔޮ ލިބޭނެ ކަމެވެ. މިކަން ވެގެން ގޮސްފައިވަނީ ރާއްޖޭގެ އިގްތިސޯދަށް މިވަގުތަށް އެންމެ މުހިންމު ޔަގީން ކަމަކަށެވެ.
މި ޔަގީންކަމާއެކު ރާއްޖެއަށް މިވަނީ ފައިދާ ލިބެން ފަށާފައެވެ. މިގޮތުން އެންމެ ބޮޑު އެއް ކުރިއެރުމަކީ އިގްތިސޯދީ ގޮތުން ރާއްޖެއަށް ލިބެން ފެށި ކުރިއެރުމެވެ. ރާއްޖޭގެ އިކޮނޮމީއަށް ލިބެން ފެށި ފައިދާއެވެ. މި ދުވަސްވަރަކީ ރާއްޖެއަށް އާއްމުކޮށް ޖެޓް އަންނަ ދުވަސްވަރެއް ނޫނެވެ. ނަމަވެސް މިހާރު ހަފުތާއެއްގެ މައްޗަށް 100އެއްހާ ޖެޓު ރާއްޖެ އާދެއެވެ. އަދި ހަމައެކަނި ޖެޓު އަންނަނީ އެއް ނޫނެވެ. ޖެޓާއެކު މަހުޖަނުންވެސް ރާއްޖެ އައިސްފައިވެއެވެ. މި މީހުން އެމީހުންގެ އާއިލާއާއެކު ރާއްޖެ އައިސް އެތިބީ ލޯންގް ސްޓޭ ނަގައިގެންނެވެ. މާނައަކީ އެމީހުން ވިސާގައި ހިމެނޭ އެންމެ ދިގު މުއްދަތަކަށް ރާއްޖޭގައި ތިބޭނެއެވެ. މި ޔަގީންކަން ލިބިގެން ދިޔައީ ސަރުކާރުން ތެލުގެ ޔަގީންކަން ދިނުމުންނެވެ. ދުނިޔޭގެ އެހެން ގައުމުތަށް ފަދައިގެން ކަރަންޓު ކެނޑުމާ ތެޔޮ ކޮންޓްރޯލް ކުރަން ޖެހޭ ހާލަތަށް ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިނުމުންނެވެ.
ޓޫރިޒަމް ސިނާއަތުގެ އިސް ފަރާތްރަކުން ބުނެފައިވާ ގޮތުގައި ތެލުގެ ކަންކަން ސަރުކާރުން މެނޭޖުކުރަމުންދާ ގޮތުގެ ސަބަބުން ރާއްޖެއާމެދު އޮތް އިތުބާރު ވަނީ އިތުރުވެގެން ގޮސްފައެވެ.
"ސަރުކާރުން ކޮންމެ ހަފުތާއަކު އެބަ އަޕްޑޭޓް ދެއްވާ، ޔަގީންކަން ދެއްވާ. މިއީ މި ވަގުތަށް ގައުމަކަށް ބޭނުންވާނެ އެންމެ ބޮޑު ޔަގީންކަން"
ރާއްޖޭގެ ރަަށްރަށާއި ރިސޯޓްތައް ހިމެނޭ ގޮތަށް ކަރަންޓު ދޭން، އަހަރަކު ގާތްގަނޑަކަށް 4މިލިއަން ފީފާގެ ތެޔޮ ބޭނުންވެއެވެ. އަދި މި ތެޔޮ އެތެރެކުރަން އަހަރު ގާތްގަނޑަކަށް 600މިލިއަން ޑޮލަރު ހޭދަކުރަން ޖެހެއެވެ. ސަރުކާރުން ވަނީ އޯޕެކް ފަދަ ޖަމިއްޔާތަކާއެކު މިކަން ޔަގީންކޮށްފައެވެ. އެގޮތުން އެސްޓީއޯގެ ދެ ބޯޓެއް އޮމާނުން ތެޔޮ ގެންނައިރު އަންނަ މަހު ސިންގަޕޫރު އަދި މެލޭޝިއާ ހިސާބުންވެސް ތެޔޮ ގެންނަން ފަށާނެއެވެ. މީގެ އިތުރުން ތެލުގެ އަގު އުފުލުމުގެ ސަބަބުން އިގްތިސޯދަށް އަންނަ ދަތި ކުޑަކުރަން އަޅާފައިވާ ފިޔަވަޅުތަކަކީވެސް މި ވަގުތަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. މިވަގުތު ދުނިޔޭގެ ބާޒާރުގައި ތެޔޮ ހުރި ވަރަށް ބަލާއިރު ރާއްޖޭގައި ތެޔޮ ލިޓަރެއްގެ އަގު އުޅޭނީ 30ރ.އިން މަތީގައެވެ. ނަމަވެސް ބަޖެޓުން ސަބްސިޑައިޒްކޮށް އަގު އުފުލަން ނުދީ ވަނީ ހިފަހައްޓާފައެވެ.
މަސްވެރިންނަަށް ދަނީ ސަބްސިޑައިޒް އަގުގައި ތެޔޮ ދެމުންނެވެ. އަދި ދަތުރުފަތުރު ކުރާ ފަރާތްތަކަށްވެސް ޓިކެޓުގެ އަގު އުފުލުނަ ނުދިނުމަށްޓަކައި ސަބްސިޑީ އަގުގައި ތެޔޮދެއެވެ. މިހުރިހާ ކަމާއެކު އިގްތިސޯދަށް މިހާލަތުން ކުރިން ލިބޭނެ ކަމަށް އަންދާޒާކުރި ގެއްލުން ވަނީ ކުޑަ ކުރެވިފައެވެ. މިއާއެކު މަޑުޖެހިފައިވާ ޓޫރިޒަމް އެހެން ދިމަދިމާލުން ދިރުން ގެނެސްގެންވެސް ފައްޓަން ދަނީ މަސައްކަތް ކުރަނުންނެވެ. މިހުރިހާ ކަމަކާއެކު އިގްތިސޯދު މި ފެންނަނީ ދިރުން ލިބެމުން އަންނަ ތަނެވެ.
