ޚަބަރު

މާލެ ސަރަހައްދުގައި 1500 ޓަނުގެ ގޭސް ރައްކާކުރާނެ އިތުރު ފެސިލިޓީއެއް ގާއިމުކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލެ--

މާލެ ސަރަހައްދުގައި 1500ޓަނުގެ ގޭސް ރައްކާކުރާނެ އިތުރު ފެސިލިޓީއެއް ގާއިމުކުރަން ނިންމައިފިއެވެ.

Ads by Allied

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖެއަށް މިވަގުތު ގޭސް ފޯރުކޮށްދިނުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އަދި ރާއްޖެއަށް ގޭސް ފޯރުކޮށްދޭ ފަރާތަކީ ބަންގްލަދޭޝް ފަދަ ގައުމުތަކަށް ވެސް ގޭސް ސަޕްލައިކުރާ ފަރާތެއް ކަމަށްވުމުން، މެދުކެނޑުމެއްނެތި ގޭސް ލިބޭނެކަމުގެ ޔަގީންކަން އޮތްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ގޭސް އުފުލަނީ ބޮޑެތި ބޯޓުފަހަރުގައި ކަމަށާއި، އެއަށްފަހު ރާއްޖެއަށް އެތެރެކުރަނީ ކުދި ޓޭންކަރުތަކަށް ބަދަލުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރަހައްދަށް ބޭނުންވާ ގޭސް އެއް އުޅަނދުން އަނެއް އުޅަނދަށް ބަދަލުކުރުމުގެ މަސައްކަތް (ޝިޕް-ޓު-ޝިޕް ޓްރާންސްފާ)ގިނަ ފަހަރަށް ކުރިއަށްދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެސްޓީއޯގައި މިހާރު ހުރީ 1،000ޓަނުގެ ގޭސް ރައްކާކުރެވޭނެ ގާބިލުކަން ކަމަށެވެ، އަދި އޭގެ އިތުރުން، އަމިއްލަ ކުންފުންޏެއް ކަމަށްވާ ވިލާ ގޭހުންވެސް ސްޓޯރޭޖް ފެސިލިޓީއެއް ހިންގަމުންދާއިރު، ދެ ކުންފުނި ގުޅިގެން ގޭސް ފޯރުކޮށްދިނުމުގެ ކަންކަން ބަލަހައްޓަމުންދާކަމަށް ވިދާޅުވިއެވެ.

އަދި އެސްޓީއޯގެ ގޭސް ރައްކާކުރާ މިންވަރު އިތުރުކުރުމަށްޓަކައި 1،500ޓަނުގެ އާ ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި މަޝްރޫއު މިހާރު އޮތީ ޕްރޮކިއުމަންޓް މަރުހަލާގައި ކަމަށާއި އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން މި މަސައްކަތް ނިންމާލުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ފެސިލިޓީ ނިމުމުން މާލެ ސަރަހައްދަށް ބޭނުންވާ ދެ މަސް ދުވަހާއި ބައިގެ ގޭސް ރައްކާކުރެވޭނެ."ވަޒީރު ވިދާޅުވިއެވެ.

Ads by Allied Insurance