ޚަބަރު

ސައުދިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން، "ސައުދިއާ" އިން ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފެށިތާ 10 އަހަރު ފުރުމުގެ މުނާސަބަތު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ.

Ads by PNC

މި މުހިންމު ތާރީޚީ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، އިއްޔެ ރާއްޖެއަށް ޖެއްސި ސައުދިއާގެ ފްލައިޓް ނަންބަރު އެސްވީ838 އިން އައި ދަތުރުވެރިންނަށް ވީއައިއޭއިން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ހަމައެހެންމެ، މި އުފާވެރިކަމުގައި ބައިވެރިވުމުގެ ގޮތުން އެ ފްލައިޓުން ފުރައިގެން ދިޔަ ފަސިންޖަރުންނަށް ހާއްސަ ހަދިޔާތަކެއްވެސް ވަނީ ބަހާފައެވެ.

މީލާދީން 2016ވަނަ އަހަރުގެ މާރިޗު މަހުގެ 30ވަނަ ދުވަހު ސައުދިއާއިން ރާއްޖެއަށް ރަސްމީކޮށް އުދުހުންތައް ފަށާފައިވާއިރު، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި އެ އެއާލައިނުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެއެވެ. މީގެ އިތުރުން، މިއީ ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ކަމެއްކަންވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ކުރެވޭ ދަތުރުތަކަކީ ދިވެހިންނަށް ނުހަނު މުހިންމު ދަތުރުތަކެކެވެ. ޚާއްސަ ގޮތެއްގައި މާތްވެގެންވާ މައްކާއަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ދާ ދިވެހިންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގައި ސައުދިއާއިން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށްލެވެއެވެ.

Ads by Allied Insurance