ޚަބަރު

މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ށ. މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

Ads by PNC

ފުލުހުންގެ ޚިދުމަތުން ބުނީ، ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި މި މަހުގެ 29ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އަތުލައިގަނެފައި ވަނީ، ށ. ފުނަދޫ، ތަނޑިނޫމާގެ، މޫސާ ސިރާޖް (40އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ، މިލަންދުއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކާކަމަށް ފުލުހުންނަށް ލިބުނު ސިއްރު މައުލޫމާތަކަށް ބިނާކޮށް ހިންގި ހަރަކާތުގެ ތެރެއިންނެވެ.

މި އޮޕަރޭޝަންގެ ދަށުން މިލަންދޫ ބަނދަރުގައި އޮތް ލޯންޗެއްގެ ތެރެއިން މޫސާ ސިރާޖު ހުއްޓުވައި، އޭނާގެ ހަށިގަނޑާއި ތަކެތި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ބާވަތެއް އަޅާފައިވާ ހަތަރު ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި އޭނާ 10 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު އަންނަނީ އިތުރަށް ފުރިހަމަކުރަމުންނެވެ.

Ads by Allied Insurance